މިހާރު ކުރިޔަށް ދަނީ 6 ވަނަ އޭޝިއަން ބީޗް ގޭމްސްއަށް ރާއްޖެއިން ދާ ޓިމުތަށް ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އެންމެ ފަހު މަރުހަލާތަކުގައި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.
އެމްއޯސީން ބުނީ އޭޕްރީލް 22-26 އަށް ޗައިނާގެ ސަންޔާގައި ބާއްވާ މި ގޭމްސްގައި މިފަހަރު ވާދަކުރާނީ 4 ކުޅިވަރެއްގައި ކަމަށެވެ.
އެމްއޯސީގެ ސެކެއްޓްރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު ވިދާޅުވީ މި ގޭމްސްއަށް ރާއްޖޭގެ ޓީމުތައް ފުރުމުގެ ކަންކަން ހަމަޖެއްސުމުގައި ކުޅިވަރު ވުޒާރާއާއިއެކު ގިނަ މަޝްވަރާތަކެއްކުރެވި އެ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ.
"މިހާރު ހަމައެކަނި މިގޭމްސްއެއް ނޫން. ހުރިހާ ގޭމްސްއަކަށް ބަލާއިރުވެސް މިނިސްޓްރީއާއި އޮލިމްޕިކް ކޮމިޓީއާއި ވަރަށް ބައިވަރު ޑިސްކަޝަންސްތަކެއް ކުރިޔަށް ގެންގޮސްގެން މިދަނީ، އެއީ ދާ ކުޅިވަރުތައް ނިންމުމާއި، ބަޖެޓު ހަމަޖެއްސުމާއި، އެހެންވީމަ މިނިސްޓްރީގެ ހަމަ 100 ޕަސެންޓު އެއްބާރުލުން ލިބޭ އޮލިމްޕިކް ކޮމިޓީއަށް" ތަމޫހު ވިދާޅުވިއެވެ.
ރާއްޖެއިން މިއަހަރު ބައިވެރިވަނީ ބީޗް ހޭންޑްބޯޅަ، ފިރިހެން އާއި އެތުލެޓިކްސް އަންހެން އަދި ފިރިހެން، ބީޗް ވޮލީ ބޯޅަ އަންހެން ފިރިހެން، އަދި ސްވިމިން އަންހެން ފިރިހެން ކެޓަގަރީގައެވެ. އޭގެތެރެއިން ބީޗް ހޭންޑް ބޯޅައިގެ ފިރިހެން އިވެންޓުގައި ރާއްޖެއިން ބައިވެރިވާއިރު މިއީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަކަށް ހޭންޑްބޯޅައިން ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ތަމޫހު ވިދާޅުވީ މީގެ އިތުރުންވެސް ބައެއް ކުޅިވަރުތަކުން ބައިވެރިވާން މަސައްކަތް ކުރި ކަމަށާއި، އެހެންނަމަވެސް ބައެއް ޝަރުތުތައް ހަމަނުވެގެން ބައެއް ކުޅިވަރުތަކަށް ބައިވެރި ނުވެވުނު ކަމަށެވެ.
”އެކަމަކު އޭޖު ކްރައިޓީއާ އެކަހަލަ ކަންކަން ދިމާވެގެން މިފަހަރު ބައިވެރި ނުވާގޮތަށް ނިންމާފަ ވަނީ އެ ކުޅިވަރުތަކުން މިހާރު އޮތް ހިސާބަކީ ކޮބާތޯ ބަލާއިރު މިހާރު ހަމަ އެންމެ ފަހު ސްޓޭޖަސްގައި އަސްލު މިއުޅެނީ. މިހާރު ޓިކެޓު ނެގުމުގެ ކަންތައްތައް ކުރިޔަށްދަނީ. ބައެއް ކުޅިވަރުތަކުގެ ޓިކެޓުތައް ނެގިއްޖެ" ކަމަށް ތަމޫހު ވިދާޅުވިއެވެ.
މިހާރު ހަމަޖެހިފައިވާގޮތުން އެންމެ ފުރަތަމަ ފުރާނީ ބީޗް ހޭންޑްބޯޅަ ޓީމެވެ. މުބާރާތުގެ ކުރިން 10 ދުވަހު ތައިލޭންޑްގައި ކޭމްޕުކުރުމަށް ހަމަޖެހިފައިވާ އެ ޓީމު ތައިލޭންޑަށް ފުރާނީ މިމަހުގެ 8 ގައެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން މުބާރާތް ފެށުމުގެ 3 ދުވަސް ނުވަތަ 2 ދުވަސް ކުރިން މުބާރާތް ބާއްވާ ވިލެޖަށް ޓީމުތައް ދާންޖެހެއެވެ. މިއަހަރުގެ މުބާރާތް އޮންނަނީ ޗައިނާންގެ ހައިނާން އައިލެންޑްގެ ސަންޔާގައެވެ.