ޚަބަރު

ރައީސް ނަޝީދު އަވަހާރަ ކޮށްލަން ތިން މިލިއަންގެ ޓާސްކެއް ހަވާލުކުރި: މެއި ހައެއް ކޮމިޓީ


ރަައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދީފައިވަނީ ބަޔަކު ފަންޑުކޮށްގެންކަމަށާއި، އެކަމަށް ހަވާލުކުރީ ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް މައުލޫމާތު ލިބިފައިވާކަން އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިކަން ހާމަކުރީ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުން އެކުލަވާލާފައިވާ "މެއި 6" ކޮމިޓީން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ދެއްވި މަޢުލޫމާތުގެ ތެރެއިންނެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ރާވާކަން ޑިފެންސް މިނިސްޓަރާއި ހިއްސާކޮށްފައިވާކަން ހާމަކޮށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވަނީ މަޖިލީހުގެ 241 ކޮމިޓީއަށް މީގެކުރިންވެސް ބަޔާނެއް ދެއްވާފައެވެ. އަދި އެކަމާއި ގުޅިގެން އިލްޔާސާއި ކޮމިޓީންވަނީ ސުވާލުވެސްކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުން ހުރި މުއައްސަސާތަކާއި، އެކިފަރާތްތަކާއި އެކޮމިޓީންވަނީ ބައްދަލުކޮށްފައެވެ.

ޙަސަން އަފީފު ވިދާޅުވީ ހަމަލާ ދިނުމުގެ ތިންވަރަކަށް ދުވަސް ކުރިން، އިލްޔާސްގެ ރައްޓެއްސަކު ވަރަށް މުހިންމު ކަމަކު ބައްދަލު ކުރަން ބޭނުންވެގެން ކަމަށް ބުނުމުން އިލްޔާސް އޭނާއާ ބައްދަލު ކުރެއްވިކަމަށާއި، އެބައްދަލުވުމުގައި ލިބުނު މައުލޫމާތުން، ތިން މިލިއަން ޑޮލަރު ދީގެން ނަޝީދަށް ހަމަލާއެއް ދޭން ރާވާކަން އިލްޔާސާއި ހިއްސާކުރި ކަމަށެވެ. އަދި އިލްޔާސްއާ އޭނާ ބައްދަލުކުރިއިރު، ކުރިއަށްދިޔައީ އެޑްވާންސް ޕޭމަންޓު ދިނުމުގެ ކަންތައް ކަމަށް އިލްޔާސްއާ ހަވާލާދީ "މެއި ހައެއް ކޮމިޓީ"ން ހާމަކުރިއެވެ.

"މެއި މަހުގެ ތިންވަނަ ދުވަހުރޭ އިލްޔާސްގެ ރައްޓެއްސެއް ބައްދަލު ކުރަން އެދިގެން ފޯނު ކުރެއްވި ކަމާއި އެ ރޭ ބައްދަލުކުރަން އެދިވަޑައިގެންނެވި ކަމާއި އެއީ ވަރަށް މުހިންމު އާޖެންޓް ކަމެއް ކަމުގައި ވިދާޅުވުމުން އެރޭ 11:30 ހާއިރު އެ މީހާއާ އިލްޔާސް ލަބީބް ބައްދަލުކުރި ކަމަށް. ބައްދަލުކުރުމުން އޭނާ ވިދާޅުވީ 'ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް' ދީފި ކަމަށް. ޙަސަން އަފީފް ވިދާޅުވިއެވެ.

މީގެ އިތުރަށް ހަސަން އަފީފު ދެއްވި މައުލޫމާތުގައި އޭނާވަނީ ހަމަލާދޭން ފަންޑު ކުރި މީހުން އެކަން ކުރަން ހޯދީ ހަރުކަށި ފިކުރުގެ ބައެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ މައުލޫމާތު ރައީސް ނަޝީދަށް އިލްޔާސް އެރުވި ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ލިބިލެއްވި މަައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ހިއްސާ ކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިތުމުން އެކަންވެސް އިލްޔާސްކުރެއްވި ކަމަށް އޭނާއާ ހަވާލާދީ ހަސަން އަފީފު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ މިފަދަ މަޢުލޫމާތުތަކެއް "މެއި ހައެއް" ކޮމިޓީން ހާމަކޮށްފައިވާއިރު، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުޤީގެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ދަނީ ކުރަމުންނެވެ. އަދި މިމައްސަލަ ފުލުހުން ގެންދަވަނީ ތަޙްޤީގުކުރައްވަމުންނެވެ. މި ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ހައްޔަރުކުރި، 5ވަނަ މީހާގެ ވަނަވަރު ފުލުހުންވަނީ މިހާރު ހާމަކުރައްވާފައެވެ.

އެންމެފަހުން ފުލުހުން ހާމަކުރީ ނ.މަނަދޫ ނޫރީގެ ޢުމުރުން 27 އަހަރުގެ ޢަލީ ހައިޝަމްގެ މައުލޫމާތެވެ. އޭނާގެ އިތުރުން މި ހަމަލާއާއި ގުޅިގެން ހައްޔަރުކުރި އަނެއް ހަތަރު މީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

މިދިޔަ މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.