ވިޔަފާރި

ޓީއެމްއޭގެ މައި ހިއްސާދާރަކަށް އެމެރިކާގެ ކާލައިލް ގްރޫޕް


ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކާލައިލް ގްރޫޕުން ގަނެފިއެވެ.

ކާލައިލްގެ އިތުރުން، ޓީއެމްއޭގެ ހިއްސާ ދެން ގަނެފައިވަނީ އެމެރިކާގެ ކިންގް ސްޓްރީޓް ކެޕިޓަލް އާއި ޑޭވިޑް ކެމްޕްނާއިންނެވެ.

މި ވިޔަފާރި އެއްބަސްވުމުގެ ތަފްސީލު ހާމަކޮށްފައި ނުވި ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާލައިލްއިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފައިވަނީ އެކުންފުނީ 300 މިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކޮށްދޭ ގޮތަށެވެ.

މިއެއްބަސްވުމުގެ ދަށުން ކުންފުނީގެ މެނޭޖްމެންޓަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް އަލަށް އެކުލަވާލެވޭ ބޯޑުގައި އާ ހިއްސާދާރުންގެ އިތުރުން ފަންނީ މާހިރުންނާއެކު ޓީއެމްއޭގެ ފައުންޑަރެއް ކަމަށްވާ ލާސް ނިއެލް އެރިކްސަން ހިމެނެއެވެ.

ޓީއެމްއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެކުންފުނީގެ ދަށުގައި 56 ސީޕްލޭން އޮތް އިރު އެކުންފުނީގެ މިހާރުގެ މައި ހިއްސާދާރު ކަމަށްވާ ކާލައިލް އިން ބުނެފައިވަނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ކުންފުނި ފުޅާ ކުރުމުގައި އެހީތެރިވެދޭނެ ކަމުގައެވެ.

ކާލައިލްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓިއަން ޝްމިޓްޒް ވިދާޅުވި ގޮތުގައި ޓީއެމްއަކީ ހިންގުންތެރި އަދި ވަރުގަދަ މެނޭޖްމެންޓެއް އޮތް ކުންފުންޏެކެވެ. އަދި މިހާރުވެސް ރަނގަޅު މާކެޓެއް ޤާއިމުވެފައިއޮވެ، ދުނިޔޭގެ ކަންކޮޅުތަކުގައި ވެކްސިން ދޭން ފެށުމާއެކު ފަތުރުވެރިކަންވެސް ރާއްޖޭގެ ރަނގަޅުވެ، ކުންފުންޏަށް ފައިދާވާނެކަމަށް އޭނާ ބުންޏެވެ.

ޓީއެމްއޭގެ ސީއީއޯ އޭ.ޔޫ.އެމް ފަވްޒީ ވިދާޅުވީ އައު ހިއްސާދާރުންނާއެކު މަސައްކަތް ފަށާއިރު ބައިނަލްއަޤްވާމީ ފަންތީގެ ޙިދުމަތް ކުރީގައިވެސް ދެމުން އައި ގޮތަށް ދެމުން ދާނެ ކަމަށާއި، އަދި މިކަމުގައި އައު ހިއްސާދާރުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޓީއެމްއޭގެ މައި ހިއްސާދާރަކަށް ކާލައިލް ގްރޫޕުވީ، ކުންފުނީގެ ކުރީގެ ހިއްސާދާރުން ކަމަށްވާ ބެއިން ކެޕިޓަލް އަދި ޓެމްޕަސް ގްރޫޕަށް އެކުންފުނީގެ ދަރަނި ހިފަހައްޓާ ނުލެވިގެންކަމަށް މަޢުލޫމާތު ލިބެއެވެ. އެމެރިކާގެ ބްލެކްސްޓޯން ކުންފުނީގައި ކުރިން އޮތް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބެއިންއާއި ޓެމްޕަސްއިން ގަނެފައިވަނީ 2017 ވަނަ އަހަރު ޑިސެމްބަރުމަހު 500 މިލިއަން ޑޮލަރަށެވެ.