އެއްގަމު އުޅަނދުފަހަރު ޕާރކްކުރުމުގެ މައްސަލައަކީ ވެރިރަށް މާލެއަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުމެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެއެވެ. ޕާކިންގ މައްސަލައަށް ހައްލެއް ހޯދައިވައިދެއްވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މާލޭގެ 10 ސަރަހައްދެއްގައި މެކޭނިކަލް ޕާކިންގ ނިޒާމެއް ޤާއިމު ކުރުމަށް ނިންމަވާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.މިޕާާކިިންގ ނިިޒާމަކީ ރާއްޖެއަށް އާނިޒާމަކަށް ވީނަމަވެސް މިއީ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް ކާމިޔާބު ކަމާއެކު ބޭނުން ކުރަމުންދާ ނިޒާމެކެވެ. އެހެންނަމަވެސް ބޭރު ޤައުމުތަކުގައި ހުންނަ ގޮތަށް ބޮޑެތި ޕާކިންގ ޢިމާރާތްތައް ހަދަން މާލޭގައި ދަތިވެދާނެ ކަމަށް މިނިސްޓްރީން ދެކެވަޑައިގަންނަވައެވެ. އަދި ފަންނީ މާހިރުންގެ ލަފާއާ އެއްގޮތްވާ ގޮތުގެ މަތިން މިކަން ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ބަލަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.ޕާކިންގ ސިސްޓަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހައުސިންގެ މިނިސްޓަރ ވިދާޅުވީ މިއަންނަ އަހަރު ބަޖެޓުގައި 10 ޕާކިންގ ސިސްޓަމް ހެދުމަށް ހިމަނާފައިވާނެ ކަމަށާއި މާލެއިން ބިންލިބެމުންދާ ނިސްބަތަށް ބަލައި ސިސްޓަމްތަކުގެ އަދަދު އިތުރު ކުރެއްވުމަށްވެސް ނިންމަވާފައިވާކަމަށެވެ. އަދި އަންނަ އަހަރުތެރޭގައި ޕާރކިންނަށް އެންމެ ބާރު ބޮޑު ސަރަހައްދުތަައް ބަލައި މަދުވެގެން 10 ޕާކިންގ ސިސްޓަމް ބަހައްޓާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.