ވިޔަފާރި

"ޓެކްސީ ޔަގީން" ޓްރާންސްޕޯޓް އޮތޯރިޓީން ތަޢާރަފުކޮށްފި


ޓްރާންސްޕޯޓް އޮތޯރިޓީގެ ރަސްމީ ޓެކްސީ ބުކިން އެޕްލިކޭޝަންގެ ގޮތުގައި ތަޢާރަފުކުރި މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ "ޖުނިޕާ" އިންނެވެ. އަދި މިއެޕްލިކޭޝަންގެ އޮފިޝަލް ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަން ކުންފުނި ދިރާގެވެ. ޓެކްސީ ބުކް ކުރުމަށް ފަސޭހަ ގިނަ ފީޗަރ ތަކެއްގެ ހިމެނޭ މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒުއެވެ.މިއެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެެއެވެ. ޓެކްސީ ޔަގީން އެޕްލިކޭޝަން ތައާރަފުކޮށްދެއްވަމުން، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ވިދާޅުވީ ޓެކްސީގެ ޚިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ރަސްމީކޮށް ޓެކްސީ ބުކިން އެޕްލިކޭޝަނެއް ތައާރަފުކުރީ ވެސް މިބޭނުމުގައި ކަމަށެވެ.އޭނާ ވިދާޅުވީ "ޓެކްސީ ޔަގީން" އެޕްލިކޭޝަން ޓެކްސީތަކަށް ދޭނީ މުޅިން ހިލޭ ކަމަށާއި، މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ޓެކްސީ އުޅޭ ހިސާބު ޓްރާންސްޕޯޓް އޮތޯރިޓީއަށްވެސް އެނގޭނެ ގޮތަށްކަމަށެވެ. މިރަސްމިއްޔާތުގައި ޖުނިޕާގެ ޑިރެކްޓަރު އަހުމަދު އައްބާސް ވިދާޅުވީ ޓެކްސީ ޔަގީން އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ހަތަރު ބައެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ޓެކްސީ ޑްރައިވަރުންގެ ބަޔަކާއި ޓެކްސީ ޚިދުމަތް ހޯދާ މީހުންގެ ބައެއްގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއްވެސް ހިމެނެއެވެ."ޓެކްސީ ޔަގީން" މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ލޮގިން އައިޑީއެއް ހަދަން ޖެހެއެވެ. ލޮގިންވުމުން އެމީހާ ހުރި ހިސާބު ގޫގުލް މެޕް މެދުވެރިކޮށް ސްކްރީނުން ދައްކައިދޭނެއެވެ. އަދި ގޫގުލް މެޕުން ޓެކްސީ ގެންނަން ބޭނުންވާ ތަނަކަށް ޕިން ޕޮއިންޓް ކުރެވޭނެއެވެ. ޓެކްސީ އިޚުތިޔާކުރުމުން ޓެކްސީ ޑްރައިވަރުގެ ނަމާއި، ޓެކްސީގެ މޮޑެލްގެ އިތުރުން ޓެކްސީ ނަންބަރާ ޑްރައިވަރުގެ ފޮޓޯވެސް ފެންނާނެއެވެ. މިއެޕް ތައްޔާރުކޮށްފައިވަނީ ޓެކްސީ ދަތުކުރުމަށްފަހު ދަތުރާ ބެހޭ ގޮތުން ނުވަތަ ޚިދުމަތް ދިނުމުގައި ރަނގަޅުކޮށްލަން ޖެހޭކަމަކާއި ގުޅޭގޮތުން ޑްރައިވަރަށް މެސެޖެއްވެސް ދެވޭގޮތަށެވެ.