ޚަބަރު

މުޒާހަރާ ޤާނޫނާ ޚިލާފުވާނަމަ، ވަގުތުން ފިޔަވަޅު އަޅާނަން


އެމްޑީޕީން އިސްނަގައިގެން މިއަދު ކުރިއަށްގެންދާ
މުޒާހަރާގައި ހަމަނުޖެހުމަށާއި، ޖިނާއީ އަމަލުތަކަށް މަގުފަހިވާގޮތަށް ކަންކަން ކުރިއަށްދާނަމަ،
އާއްމު ރައްޔިތުންގެ ސަލަމާތަށް ކުރަންޖެހޭ ކަންކަން ވަގުތުން ވަގުތަށް
ކުރަމުންދާނޭކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



މިއަދު އެމްޑީޕީން ބާއްވާ މުޒާހަރާއާ ގުޅިގެން ހޯމް
މިނިސްޓްރީން ނެރުއްވި ބަޔާނުގައި ޤައުމު ހިންގުމާއި، ސަރުކާރުން ރައްޔިތުންނަށް
ފޯރުކޮށްދޭންޖެހޭ އަސާސީ ޙިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމާއި،
ރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމާއި، ޤައުމުގެ ހަމަޖެހުން ރައްޔިތުންނަށް
ޔަޤީންކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ހަދާންކޮށްދީފައިވެއެވެ.



އެހެންކަމުން މުޒާހަރާ ކުރިއަށް ގެންދިއުމުގައި ޤާނޫނާއި ޤަވާއިދުތަކުގެ
ތެރޭގައި އަމަލުތައް ބެހެއްޓުމަށް މުޒާހަރާގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް
ހޯމް މިނިސްޓްރީން ގޮވާލާފައިވެއެވެ. އަދި މިކަންކަން މިގޮތުގެ މަތިން
ކުރިއަށްދާނޭ ކަން ޔަޤީންކުރެއްވުމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތަކަށްވެސް
ހޯމް މިނިސްޓްރީން އިލްތިމާސްކުރަށްވައެވެ.



އަދި މުޒާހަރާގައި ބައިވެރިނުވާ އެހެން ފަރުދުންނަށް
ދަތިތަކާ ކުރިމަތިނުވާނޭ އަދި އެފަރާތްތަކުގެ ހައްޤުތައް ނުގެއްލޭނެހެން ކަންކަން
ބެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށް ހޯމް މިނިސްޓްރީގެ
ބަޔާނުގައިވެއެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި
ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ
ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް ބަޔާނުގައިވެއެވެ.



ހޯމް މިނިސްޓްރީގެ ބަޔާނުގައި މުޒާހަރާ ސުލްޙަވެރިކަމާއި
އެކު ކުރިއަށް ގެންދިއުމަށާއި، އެންމެހާ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް
ކުރަންޖެހޭ ކަންކަން ކުރުމަށް އިލެކްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން
އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ހޯމް މިނިސްޓްރީން ގޮވާލެއްވިއެވެ.



ހޯމް މިނިސްޓްރީގެ ބަޔާނުގައި ޤައުމީ މަސްލަހަތަށް
ވިސްނައިގެން ރާއްޖޭގެ މިހާރުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުރިހާ ސިޔާސީ
ޕާޓީތަކަކަށް ސަރުކާރުން ގޮވާލާކަމަށް ވިދާޅުވެފައިވެއެވެ.



ސަލާމަތީ ގޮތުން ރާއްޖެއަށް ގޮންޖެހުންތަކެއް
ކުރިމަތިވެފައި ވީނަމަވެސް ކޮންމެ ރައްޔިތަކަށް ޤާނޫނީ ގޮތުން ލިބެންޖެހޭ
ހައްޤުތައް ކަށަވަރުކޮށްދީ، ޤާއުމުގެ އަމަން އަމާންކަން ޤާއިމްކޮށް، ޤައުމުގެ
ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ރައީސް
ޔާމިންގެ ސަރުކާރުން ސާބިތުވެ ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ހޯމް
މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.