ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީދޭނެ 5 މަޝްރޫއެއް ހޮވައިފި


ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިއަހަރު ދެވަނަ ފިޔަވަހީގައި އެހީ ފޯރުކޮށްދޭނެ 5 މަޝްރޫޢެއް ހޮވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ، އަމިއްލަ ފަރުދުންނާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޭ އެހީއެކެވެ. އެގޮތުން ކޮންމެ އަހަރެއްގައިވެސް ކޮންމެ ކުއާޓާއެއްގައި 5 މަޝްރޫޢު ނެގި ކޮންމެ އަހަރަކު 20 މަޝްރޫއަކަށް އެހީތެރިވެދެއެވެ.

މިއަހަރު ދެވަނަ ކުއާޓަރގައި ހޮވިފައިވާ މަޝްރޫޢުތައް

  • 1. ހދ. ހަނިމާދޫ ސްކޫލު ލައިބްރަރީ މަރާމާތުކޮށް ތަރައްޤީކުރުން - ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • 2. ށ. ޅައިމަގުގައި ކޮމިއުނިޓީ ޕިކްނިކް އޭރިއާއެއް ހެދުން - ޅައިމަގު އެކުވެރިންގެ ރޫހު
  • 3. ލ. ގަމުގައި ކޮމިއުނިޓީ ބީޗް ޕާކް އަދި ސޯލާ މަގު ބައްތި ހަރުކުރުން - އިބްރާހިމް ނިޔާޒް
  • 4. ގދ. ފިޔޯރީގައި ކޮމިއުނިޓީ އައުޓުޑޯރ ލައިބްރަރީއެއް ތަރައްޤީ ކުރުން - ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމެންޓް
  • 5. ސ. މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން - އިބްރާހިމް އާތިފް

ބީއެމްއެމްއެލްއިން ވިދާޅުވި ގޮތުގައި މިމަޝްރޫޢުތަކުގެ ސަބަބުން މުޖްތަމަޢުއަށް ފައިދާ ކުރާނެއެވެ. ބީއެމްއެލް އިން ދެވަނަ ފިޔަވަހީގައި 5 މަޝްރޫޢު ހޮވުމާއިއެކު މިހާތަނަށް 50 މަޝްރޫޢަށް ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުންފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. އަދި މިއިން ކޮންމެ ޕްރޮޕޯސަލަކަށް 50000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.