ޚަބަރު

11 ރަށެއްގެ ބަނދަރުގެ ބޮޑު ޕްރޮޖެކްޓެއްގައި ސޮއިކޮށްފި


އައިޑީބީ ފޭސް 2 ގެ
10 ރަށުގެ ބަނދަރު ހެދުމާއި ނ ފޮއްދޫ ޖެޓީ ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި
މިއަދު ސޮއިކުރައްވައިފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި
ހައުސިންގް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮކުރެއްވީ މިނިސްޓަރ
ޑޮކްޓަރ މުޙައްމަދު މުއިއްޒުއެވެ. މި މަސައްކަތް
ކުރެއްވުމަށް ކޮންޓްރެކްޓް ކުރެވިފައިވަނީ އެމްޓީސީސީގެ އިތުރުން ބޭރުގެ ކުންފުންޏެއްކަމަށްވާ
ސެނޮކް އާއިއެވެ.

 ބަނދަރުގެ މަސައްކަތު ކުރުމަށް ސޮއިކުރެވުނު
ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެނީ ، އަލަށް ބަނދަރު ހަދާ ރަށްރަށާއި ، ބަނދަރު
މަރާމާތުކުރުމާއި ،  ބައެއް ރަށްރަށުގެ ބަނދަރު
ބޮޑުކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީ އާއި
މަސައްކަތް ޙަވާލުކުރެވުނު ރަށްރަށަކީ ، ނ އަތޮޅު 
މާފަރު ، މާޅެންދޫ، ވެލިދޫ، ހދ ނޮޅިވަރަމްފަރު، ހދ ނޮޅިވަރަމް ، ރ
އިންނަމާދޫ އަދި ފުވައްމުލަލު ބަނދަރުގެ މަސައްކަތުގެ އިތުރުން ނ ފޮއްދޫ ޖެޓީ
މަރާމާތުކުރުމުގެ މަސައްކަތެވެ.

ފޮއްދޫ ބަނދަރު
ހެދުމުގެ މަސައްކަތަށް ސަރުކާރު ބަޖެޓުން 15 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ
ހަމަޖެހިފައި. 10 ރަށުގެ ބަނދަރުގެ މަސައްކަތަަށް 22.7 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ސެނޮކް
ކުންފުންޏާއި ޙަވާލުކޮށްފައިވަނީ މ އަތޮޅު ކޮޅުފުށި ، ލ ގަން އަދި ކ ތުލުސްދޫ
ބަނދަރުގެ މަސައްކަތްކުރުމަށެވެ.

އެއްބަސްވުމުގައި
ސޮއިކުރެއްވުމަށް ފަހު  ވާހަކަފުޅު
ދައްކަވަމުން ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވީ ، މިއީ
މިނިސްޓްރީން މިހާތަނަށް ކޮންޓްރެކްޓް ކުރެވޭ އެންމެ ބޮޑު މަސައްކަތްކަމަށް. ބަނދަރު
ހެދުމާއި ، މަރާމާތުގެ މަސައްކަތަކީ  ރަށްރަށުގެ އިޖްތިމާޢީ އަދި އިޤްތިޞޯދީ
ކުރިއެރުމަށް ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ކުރައްވާ މަސައްކަތެއްކަމަށް
މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މި
ރަސްމިއްޔާތުގައި ފިނޭސްސް މިނިސްޓަރ އަބުދުﷲ ޖިހާދު ދެއްކެވި ވާހަކަފުޅުގައި ،
ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ލޯން
ހޯއްދެވުމާއި އެހީ ހޯއްދެވުމުގެ މަސައްކަތް ކުރެއްވުމުގައި ދުވަސްތައް ހޭދަވަމުންދާތީ
މިހާރު ބައެއް މާލީ ޤާނޫނު ތަކާއި ޤަވާއިދުތަކަށް އިސްލާޙްތަކެއް ގެނައުމުގެ
މަސައްކަތްކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.



















ރަސްމިއްޔާތުގައި ހައުސިންގ
މިނިސްޓްރީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.