ކުޅިވަރު

ނެދަލެންޑްސްގެ ކޯޗުކަމުން ފްރެންކް ޑި ބޮއާ ވަކިވެއްޖެ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ނެދަލެންޑްސް ކެޓިތާ ދެ ދުވަސް ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން ފްރެންކް ޑި ބޮއާ ވަކިވެއްޖެއެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު ބޭއްވި ބައްދަލުވުމަށްފަހު ނެދަލެންޑްސް ކޯޗުކަމުން ފްރެންކް ޑި ބޮއާ ވަކިވެފައިވަނީ އެ ފެޑޭރޭޝަންގެ ޔަގީންކަން އޭނާއަށް ނެތުމުންނެވެ. އުމުރުން 51 ފްރެންކް ޑި ބޮއާ ނެދަލެންޑްސްގެ ކޯޗްކާމާއި ހަވާލްވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް ދަތުރުކޮށްފައިވަނީ ގުރޫޕް ސީގައި އެޓީމް ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ދެވަނަ ބުރުގައި އެޓީމްވަނީ ޗެކް ރިޕަބްލިކް އަތުން 2 ލަނޑު 0 ލަނޑުން ބަލިވެ މުބާރާތުން ކަޓާފައެވެ. ނެދަލެންޑްސްގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ފްރެންކް ޑި ބޮއާ ވަނީ އެޓީމަށް 15 މެޗްގައި އިރުޝާދު ދީފައެވެ. މީގެ ތެރެއިން ނެދަލެންޑްސް ވަނީ 8 މެޗުން މޮޅުވެ 4 މެޗް އެއްވަރުވެ، ތިން މެޗުން ބަލިވެފައެވެ.

ނެދަލެންޑްސްގެ ކޯޗްކަމުން ފްރެންކް ޑި ބޮއާ ވަކިވެފައިވާއިރު، ކޯޗިންގެ ކެރިއަރުގައި އަދި ފްރެންކް ޑި ބޮއާއަކަށް މާރަގަނޅު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އިންގްލެންޑްގައި ކްރިސްޓަލް ޕެލަސް އަދި އިޓަލީގައި އިންޓަ މިލާން އަދި އެމެރިކާގެ އެޓަލަންޓާ ޔުނައިޓެޑާއެކު ހޭދަ ކުރި ދުވަސްވަރު ވެސް ޑި ބޮއާއަކަށް މާރަގަނޅު ނަތީޖާތަކެއް ނެރެދެވިފައެއް ނުވެއެވެ.