ކުޅިވަރު

ވަރުގަދަ ޖަރުމަން މުބާރާތުން ބޭރުކޮށް އިނގިރޭސީން ކުއާޓަރއަށް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަން ބަލިކޮށް އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިމެޗް އިންގެލްނެޑް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ދެ ޓީމްގެ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެން ކުޅުމުންދިޔައެވެ. އަދި ކޮންމެ ޓީމަކުންވެސް އަވަސް ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ބޯޅަ ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ ޖަރުމަނު ޓީމެވެ. ނަމަވެސް އެޓީމަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވާއިރު، މެޗްގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފައްދާފައި ވަނީ އިންގްލެންޑުންނެވެ. އިންގްލެންޑްގެ ރަހީމް ސްޓާލިން އޭރިޔާގެ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ބޯޅަވަނީ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ދިފާޢުކޮށްފައެވެ. އަދި އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ސީދާ ނުވެ ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފްގައި ޖަރުމަން ޓީމަށް ލީޑް ނަގައިދޭން އެޓީމްގެ ފޯވާޑް ޓިމޯ ވާނާއަށް ލިބުނު ފުރސަތުގެ ހުރަހަކަށް ވީ އިންގެލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑެވެ.

މެޗްގެ ފުރަތަމަ ހާފް 0-0 އިން ނިންމާލިނަމަވެސް މެޗްގެ ދެވަނަ ހާފްގައި ދެ ޓީމުންވެސް ނަތީޖާ ނެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން ޖަރުމަންގެ ހަވާޓްޒް ފޮނުވާލި ބޯޅަވެސް ވަނީ އިންގެލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކޮށްފައެވެ. ދެ ޓީމުން ވެސް ބަދަލްތަކެއް ގަނައުމަށްފަހު ލަނޑު ޖެހުމަށް މަސައްކަތް ކުރަންފެށިއެވެ. އިންގެލެންޑުން ޖެކް ގްރީލިޝް ކުޅެން އެރުވިއިރު، ޖަރުމަނުން ވަނީ ސާޖް ގްނަބްރީ ކުޅެން އަރުވައިފައެވެ. މިބަދަލްގެ ފައިދާ ކުރީ އިންގްލެންޑަށެވެ. މެޗްގެ މެދުތެރެއިން ގްރީލިޝް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށިއެވެ. އަދި މެޗްގެ 75ވަނަ މިނެޓްގައި އިންގްލެންޑުން ލަނޑެއްޖަހައި ލީޑް ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގައި މޮޅު ކުޅުމެއްދެއްކި ރަހީމް ސްޓާލިންއެވެ. ސްޓާލިންގެ ލަނޑަށްފަހު މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޖަރުމަންގެ ފޯވާޑް މުލާއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މުލާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ސީދާނުވެ، ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ޖަރުމަންގެ މުލާއަށް މިލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް ނުހިފުނުއިރުގައި، އިންގްލެންޑުން ވަނީ އިތުރު ލަނޑެއްޖަހައި މެޗްގެ ލީޑް ފުޅާކޮށްފައެވެ. މެޗްގެ 87ވަނަ މިނެޓްގައި އިންގްލެންޑަށް މިލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ މިމުބާރާތުގައި ކޭން ޖެހި ފުރަތަމަ ގޯލެވެ. މިލަނޑަށްފަހު ޖަރުމަން ޓީމުން ވަރަށް ބޮޑަށް ކުރިއަރައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު، ޖަރުމަން ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
މިމެޗުން އިންގްލެންޑް މޮޅުވިއިރުގައި މިއީ ނޮކައުޓް މެޗެއްގައި އިންގްލެންޑުން ޖަރުމަންގެ މައްޗަށް ކުރި ހޯދި ދެވަނަ ފަހަރުއެވެ. 15 އަހަރު ޖަރުމަން ޓީމަށް ކޯޗު ކޮށްދީފައިވާ ލޯ ވަނީ މިފަހަރުގެ ޔޫރޯ މުބާރާތަށް ފަހު ކޯޗްކަން ދޫކޮށްލާނެކަން އިޢުލާންކޮށްފައެވެ.