ޚަބަރު

އެޗްއެމްއެފްގައި އޮތް ބަލިމީހަކަށް އަނިޔާކުރި މިހާ، ޝަރީޢަތް ނިމެންދެން ބަންދު


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލިމީހަކަށް އަނިޔާކުރި މިހާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ހުށަހެޅުމުން އޭނާ ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 26ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ގައިގާ، އޭނާ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި، ބަލިމީހާގެ ޢާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރިފް ޚާން ޖެހި މައްސަލައެއް ފެންމަތިވެ އެމައްސަލަ ފުލުހުން ވަނީ ތަޙުޤީގުކޮށްފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޝަރިފް ޚާންގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި ދަޢުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޝަރިފް ޚާން ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރައްވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި ދަޢުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޝަރިފް ޚާން ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ މީނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކުރައްވާފައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލިމީހަކަށް އަނިޔާކުރި މީހާގެ މައްސަލަ ކޯޓަށް ހުށައަޅާފައިވާއިރު، އޭނާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ މީހަކަށް އޭނާގެ އެހީތެރިޔާގެ ގޮތުގައި ހުރި ބިދޭސީއަކު އޭނާގެ މޫނުމަތީ ޖަހާ މަންޒަރު ފެނިގެންދިޔައެވެ. އަދި ވީޑިއޯގައި ދުވަސްވީ މީހާ ރޯ އަޑުވެސް އިވުނެވެ.