ޚަބަރު

ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެ


ރާއްޖެއިން އިތުރު މީހަކު ކޯވިޑް ބަލީގައި ނިޔާވެ، ނިޔާވި މީހުންގެ ޢަދަދު 210 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު ރޭ ދަންވަރު 2:33 ހާއިރު ނިޔާވެފައިވާކަމަށެވެ. ނިޔާވީ 48 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، މިއާއެކު ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 210 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ 191 ދިވެހިންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން މިބަލީގައި އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ. އެއީ ހއ. ދިއްދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 51 އަހަރުގެ ބިދޭސީއެކެވެ.

އޭޕްރީލް މަހުންފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ރާޅާއެކު ބަލީގެ ނުރައްކާ ކުޑަކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެއާއެކު މާލެއިން ރިޕޯޓުކުރާ ކޭސްތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، ބައެއް ރަށްރަށުގައި އަދިވެސް ބަލީގެ ނުރައްކާ ކުޑަކުރެވިފައެއް ނުވެއެވެ.

ޖުމްލަކޮށް ޕޮޒިޓިވް ކޭސްތައް މަދުވަމުން ދިއުމާއެކު ރާއްޖޭގައި މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދާއި އެޑްމިޓްކޮށްގެން ފަރުވާ ހޯދާމީހުންގެ އަދަދުވެސްވަނީ މަދުވެފައެވެ. އެގޮތުން މި ޖޫންމަސް ފެށުނު އިރު 24،000ގައި އެކްޓިވް ކޭސްތައް ހުރުމަށްފަހު މިހާރު އެއަދަދުވަނީ 3،800ގައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދަނީ 29 މީހުންނަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖެއިން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 155 މީހުނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 70 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 31 މީހެއްގެ އިތުރުން ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 26 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 73482އަށް އަރާފައިވާއިރު، 69،378 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.