ކުޅިވަރު

ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިމެޗް ސްޕެއިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 3 ލަނޑުންނެވެ.

މި މުހިންމު މެޗަށް ނިކުތްއިރު ކްރޮއޭޝިއާގެ ފޯވާޑް އިވާން ޕެރިސިޗް ކޯވިޑަށް ފައްސިވުމާއި ގުޅިގެން އޭނާވަނީ ޓީމުން އެކަހެރިކޮށްފައެވެ. ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ބޯޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ސްޕެއިންއެވެ. މެޗްގެ ވަރަށް ކުރީކޮޅުގައ ސްޕެއިންނަށް ލިޑް ނެގުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ކޯކޭ ފޮނުވާލީ ބޯޅަ އަމާޒްވީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިކާ ދިމާލަށެވެ. އޭގެ ފަހުން ސްޕެއިންގެ އަލްވާރޯ މޮރާޓާއަށްވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގައި ސްޕެއިންއިން ރަނގަޅަށް ކުޅުނު ނަމަވެސް، މެޗްގައި އެންމެ ފުރަތަމަ ލީޑް ނެގީ ކްރޮއޭޝިއާއިންނެވެ. މިލަނޑަކީ މެޗްގެ 20ވަނަ މިނެޓްގައި ސްޕެއިންގެ ކީޕަރު އުނައި ސިމޯންއަށް ހެދުނު ގޯހަކުން ވަތް ލަނޑެކެވެ. ސިމޯން އަތުން ބައިކޮޅަށް ވަތް ގޯލާއެކު މިއީ މިފަހަރުގެ މުބާރާތުގައި ބައިކޮޅަށް ވަތް 9ވަނަ ގޯލެވެ. ކްރޮއޭޝިއާއަށް މިލިބުނު ލިޑާއެކު މެޗްގެ އޮއިވަރު މުޅީން ބަދަލްވެގެންދިޔައެވެ. ކްރޮއޭޝިއާއިން ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށިއެވެ. ކްރޮއޭޝިއާއިން ވެސް ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މެޗްގައި ސްޕެއިނަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 38ވަނަ މިނެޓްގައި ޕަބްލޯ ސަރާބިއާއެވެ.

މެޗްގެ ދެވަނަ ހާފްގައި އަލުން ސްޕެއިންއިން މެޗް ކޮންޓްރޯލްކޮށްގެން ކުޅެންފެށިއެވެ. އަދި ކްރޮއޭޝިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. މެޗްގައި ފުރަތަމަ ފަހަރަށް ސްޕެއިންއަށް ލީޑު ނަގައިދިނީ މެޗްގެ 57ވަނަ މިނެޓްގައި އެޓީމްގެ ފަހަތަށް ކުޅެމުން އަންނަ ސެޒާ އަޒްޕިލިކުއޭޓާއެވެ. ސްޕެއިންއިން ލީޑް ނެގުމާއެކު ކްރޮއޭޝިއާއިން ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ޖޮސްކޯ ގްވާޑިއޯލް ޖެހި ބޯޅަ ސްޕެއިނުގެ ކީޕަރު ސިމޯން ވަނީ މަތަކޮށްފައެވެ. ލަނޑެއް ޖެހުމަށް ކްރޮއޭޝިއާއިން މަސައްކަތް ކުރިނަމަވެސް ސްޕެއިންއިން ވަނީ މެޗްގެ 76ވަނަ މިނެޓްގައި އެޓީމްގެ ތިންވަނަ ލަނޑުޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ.

ސްޕެއިންއިން ދެ ލަނޑުގެ ލީޑެއް ނެގުމާއެކުވެސް ކްރޮއޭޝިއާއިން ދިޔައީ ހިއްވަރު ދޫކޮށް ނުލާ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ނަތިޖާއެއްގެ ގޮތުން މެޗްގެ 85ވަނަ މިނެޓްގައި ކްރޮއޭޝިއާއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްލާވް އޮރްސިޗްއެވެ. ލީޑް ހަނިކުރުމާއެކު ކްރޮއޭޝިއާއިން އިތުރު ހިއްވަރެއް ލައިގެން ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އަދި ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރިއެވެ. މެޗް އިތުރު ވަގުތަށް ގެންގޮސްދިން ލަނޑު ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރުވަގުތުގެ ތެރޭގައި މާރިއޯ ޕަސަލިޗްއެވެ.

ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ކްރޮއޭޝިއާއަށް ލީޑް ނަގައިދޭން އަންދްރޭ ކްރަމަރިޗް ޖެހި ބޯޅަ ސްޕެއިންގެ ކީޕަރު ސިމޯން ވަނީ މަތަކޮށްފައެވެ. މެޗްގެ 100ވަނަ މިނެޓްގައި މޮރާޓާވަނީ ގޯލެއް ޖަހާ އަލުން ސްޕެއިންއަށް ލީޑް ނަގައިދީފައެވެ. މެޗްގައި ސްޕެއިންގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލްއެވެ. މިފަސް ލަނޑަށް ފަހުވެސް ސްޕެއިންއަށް ލީޑް ނަގައިދޭން މިކޭލް އޮޔާޒަބާލްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.