ކުޅިވަރު

މިއީ އަހަރެންގެ ފަހު ސާފް ޗެމްޕިއަންޝިޕް - އަޝްފާގު




މިއީ އޭނާ ކުޅޭނެ ފަހު ސާފް ޗެމްޕިއަންޝިޕް ކަޕަށް
ޤައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު ބުނެފިއެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަޝްފާގު ބުނީ އަންނަ މަހު އިންޑިއާގައި ކުރިއަށްދާ
ސާފް ޗެމްޕިއަންޝިޕަކީ އޭނާ ކުޅޭނެ ފަހު ސާފް މުބާރާތް ކަމަށާއި،  ޤައުމު ތަމްސީލް ކުރަން ލިބުން އެއީ ލިބުނު
ފަޙުރެއް ކަމަށެެވެ.

ކުރިއަށް އޮތް ސާފް ސުޒުކީ ކަޕަކީ އޭނާ ކުޅޭނެ ސާފްގެ ފަހު
މުބާރާތް ކަމުގައިވީ ނަމަވެސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަނީ ނޫން ކަމަށް
އަޝްފާގު ވަނީ ބުނެފައެވެ. ސަޕޯޓަރުން ދިން ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށާއި،
ކުރިއަށްއޮތް ސާފް ސުޒުކީ ކަޕްގައިވެސް ބޭނުން ވަނީ ޓީމެއްގެ ގޮތުގައި ކުޅެ އަލުން
ތަށި އަނބުރާ ރާއްޖެއަށް ގެނައުމަށް ކަމަށް އަޝްފާގު ބުންޏެވެ.

" އަޅުގަނޑު ބޭނުން ވަނީ މިއީ އަޅުގަނޑުގެ ފަހު މުބާރާތައްވާތީވެ، ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބު ހޯދަން. ސަޕޯޓަރުންގެ ފަރާތުން އެދެން އެ ސަޕޯޓް ދިނުމަށް. މީގެ ކުރިން ދިން ސަޕޯޓަށް ޝުކުރު އަދާކުރަން. އުއްމީދަކީ މޮޅު ކުޅުމެއް ދައްކައިގެން ސާފް ޗެމްޕިއަންޝިޕްގެ ތަށި އަލުން އަނބުރާ ރާއްޖެ ގެނައުން." އަޝްފާގު ބުންޏެވެ.

ދެހާސް އަށްވަނަ
އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި ރާއްޖެއަށް ހޯދަދިނުމުގައި މުހިންމު ދައުރެއް
އަދާކުރި އަލީ އަޝްފާގަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ
ކުޅުންތެރިޔާއެވެ. އަޝްފާގުގެ ކެޕްޓަން ކަމުގެ ދަށުން އަންނަ މަހު ސާފް ސުޒުކީ ކަޕަށް
ރާއްޖެ ކުރިމަތިލާއިރު، ބޭނުންވަނީ ރާއްޖެއަށް ކާމިޔާބު މުބާރާތަކާ އެކު
އެމުބާރާތް ނިންމާލުމަށް ކަމަށް އަޝްފާގު ވަނީ ބުނެފައެވެ. އަޝްފާގު ވަނީ މިހާތަނަށް ސާފް
ޗެމްޕިއަންޝިޕް ފަސް މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށްފައެވެ.