ސިޔާސީ

ޤާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރިއަށްދާނަމަ، ހުރަހެއް ނާޅާނަން


އެމް.ޑީ.ޕީން
އިސްނަގައިގެން އަންނަ ހުކުރު ދުވަހު މާލޭގައި ކުރިއަށްގެންދިއުމަށް
ހަމަޖެހިފައިވާ މުޒާހަރާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްދާހާ ހިނދަކު
މުޒާހަރާއަށް ހުރަސް ނާޅުއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.




ފުލުހުން ވަނީ މި
މަހުގެ ހަތާވީސް ވަނަ ދުވަހުގެ މުޒާހަރާއާ ގުޅިގެން އެމް.ޑީ.ޕީގެ އިސްވެރިންނާ ބައްދަލުކުރައްވާ،
މުޒާހަރާއާ ގުޅޭ މައުލޫމާތު ހޯއްދަވާފައެވެ. ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު
އިސްކަންދަރު ކޮށި ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމް.ޑީ.ޕީގެ
ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމް.ޑީ.ޕީން
ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށްގެންދިއުމަށް ފުލުހުން
އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާތީ އެމް.ޑީ.ޕީން އެކަމަށް މަރުޙަބާ
ކިޔާކަމަށެވެ.



ޕީ.އެސް.އެމްއަށް
މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއީލް އަލީ ވިދާޅުވީ ޤާނޫނާ
ޤަވާއިދާއެއްގޮތަށް، ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދައިގެން
ކުރިއަށްގެންދާ މުޒާހަރާއަކަށް ފުލުހުން ހުރަސް ނާޅާނެކަމަށެވެ.



އެހެންނަމަވެސް
އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން
ކުރިއެކޭވެސް އެއްގޮތަށް މުޒާހަރާތެރޭގައި 4 ފުރޮޅުލީ އުޅަނދު ބޭނުން
ނުކުރެވޭނެކަމަށް ބައްދަލުވުމުގެ ތެރެއިން އެމް.ޑީ.ޕީގެ އިސް ވެރިންނަށް އަންގާފައިވާނެކަމަށާއި،
އަދި މުޒާހަރާ ކުރިއަށްދާއިރު ނަމާދުވަޤުތުތަކުގަޔާއި ރޭގަނޑު 12 ގެ ފަހުން
އަޑުގަދަކުރާ ބޭނުން ނުކުރެވޭނެކަމަށް އަންގާފައިވާކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް މަގުތައް މައްޗަށް ނިކުމެ
މަގުތައް ބަންދު ވާގޮތަށް މުޒާހަރާ ކުރިއަށްނުގެންދިއުމަށް ފުލުހުން އިރުޝާދު
ދެއްވާފައިވާކަމަށް އިސްމާއީލް އަލީ ވިދާޅުވިއެވެ.