ކުޅިވަރު

9 އަހަރަށް ފަހު ޗެކް ރިޕަބްލިކުން ޔޫރޯގެ ކުއަޓަރއިން ޖާގަ ހޯދައިފި


އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނެދަލެންޑްސް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޗެކް ރިޕަބްލިކު ޖާގަ ހޯދައިފިއެވެ.

މިމެޗް ޗެކް ރިޕަބްލިކް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. މިމެޗްގެ ދެވަނަ ހާފްގެ 55ވަނަ މިނެޓްގައި ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓްއަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން މެޗްގެ ދެވަނަ ހާފްގެ ބޮޑުގައި ނެދަލޭންޑްސްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަަދުކޮށެވެ. މިމުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް ދަތުރުކޮށްފައިވަނީ ގުރޫޕް ސްޓޭޖެގައި އެޓީމް ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްގެންނެވެ. ޗެކް ރިޕަބްލިކްއަތުން ނެދަލެންޑްސް ބަލިވުމާއި ގުޅިގެން މިއީ ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ދެވަަނަ ބުރުން ނެދަލޭންޑްސް ކެޓި ދެވަނަ ފަހަރުއެވެ. 2008ވަނަ އަހަރުވެސް ނެދަލެންޑްސް ނެޓީ ދެވަނަ ބުރާއި ހިސާބުންނެވެ.

ޕުސްކަސް އެރީނާގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ޗެކް ރިޕަބްލިކް ޕެޓްރިކް ޝިކް އާއި އޮންޓޮނިން ބަރަކް އަށް ލިބުނު ފުރުސަތުގެ ބޭނުން މިދެ ކުޅުންތެރިންނަށް ހިފިފައިނުވާއިރު، ނެދަލެންޑްސްގެ މެމްފިސް ޑިޕާއި އާއި ޑޮންޔެލް މާލެންއަށް ލިބުނު ފުރުސަތުގެ ބޭނުން މިދެ ކުޅުންތެރިންނަށްވެސް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ހާފް ނިމެންދިޔައިރު، ނެދަލޭންޑްސްއިން ދިޔައީ ޗެކް ރިޕަބްލިކްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ.

މެޗްގެ ފުރަތަމަ ހާފާއި ހިލާފަށް މެޗްގެ ދެވަނަ ހާފްގައި މޮޅަށް ކުޅެފައިވަނީ ޗެކް ރިޕަބްލިކުންނެވެ. މެޗްގެ ދެވަނަ ހާފްގައި ނެދަލެންޑްސްގެ މުޅި ކުޅުމަށް ބަދަލްއައި އެޓީމްގެ ޑި ލައިޓަށް ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ. އެންމެ ފުރަތަމަ ޑި ލައިޓަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ޑި ލައިޓަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޑި ލައިޓަށް ދެއްކި ރަތް ކާޑުގެ ކުރިން ދެ ޓީމްގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިރަތް ކާޑާއި ގުޅިގެން މުޅި މެޗްގެ އޮއިވަރަށް ބަދަލްއައެވެ. ޗެކް ރިޕަބްލިކުން ގިނަ ވަގުތު ބޮލަ ހިފަހަށްޓައިގެން، ގިނަ ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. ޗެކް ރިޕަބްލިކްގެ ފުރަތަމަ ލަނޑު އެޓީމަށް މެޗްގެ 68ވަނަ މިނެޓްގައި މިލަނޑު ޗެކްރިބަބްލިކަށް ކާމިޔާބުކޮށްދިނީ ހޮލެޝްއެވެ. މިލަނޑަށްފަހު ޗެކް ރިޕަބްލިކުން ދިޔައީ ނެދަލެންޑްސްގެ ހާފްގެ ތެރޭގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފައްދަމުންނެވެ. ޗެކް ރިޕަބްލިކްގެ ދެވަނަ ލަނޑު މެޗްގެ 80ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޝިކްއެވެ. މިއީ މިމުބާރާތުގައި ޝިކް ޖެހި 4ވަނަ ގޯލްއެވެ. ޗެކް ރިޕަބްލިކްއިން ދެ ގޯލް ޖެހުމާއި ގުޅިގެން ނެދަލޭންޑްސްއިން ކުރަމުންދިޔަ މަސައްކަތައް ވަރަށް ބޮޑަށް ހުރަސްއެޅިގެންދިޔައެވެ. އަދި ޑި ލައިޓަށް ރަތް ކާޑް ދެއްކި ހިސާބުން ނެދަލޭންޑްސްއަށް މާރަނގަޅަށް ނުކުޅެވުނުއިރު، މާ ރަނގަޅު ހަމަލާއެއްވެސް އެޓީމަކަށް އުފެއްދިފައެއް ނުވެއެވެ.

މިއީ ޗެކް ރިޕަބްލިކުން 2012 ވަނަ އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިމެޗުން މޮޅުވުމާއި ގުޅިގެން ޗެކް ރިޕަބްލިކުން ކުއަޓަރ ފައިނަލްގައި ވާދަކުރާނީ ޑެންމާކްއާއެވެ.