ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް ޢިމާރާތްކުރަން ރަޝީދު ކާޕެންޓްރީއަށް


‏ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް ޢިމާރާތް ކުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޗަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ. ޑިޒައިން ކުރުމާއެކު މި މަސައްކަތް ކުރުމަށް ރަޝީދު ކާޕެންޓްރީއާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒާއި ރަޝީދު ކާޕެންޓްރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ. ‏

މި މަސައްކަތް ނިންމަން ޖެހެނީ 18 މަސްދުވަހުގެ ތެރޭގައެވެ. ދުއިސައްތަ ސާޅީސް ތިން މިލިަޔަނަށްވުރެ ގިނަ ރުފިޔާ މިމަޝްރޫޢަށް ޚަރަދުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 5 އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ހަވާލުކުރާ މަޝްރޫޢުއެއް ކަމަށެވެ. އެހެންކަމަުން 2022ވަނަ އަހަރުގެ ޑިސެމްބަރު ގައި މިމަސައްކަތް ނިންމާލެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި ސްކޫލް ހަދަން ބަޔަކާ ޙަވާލުކޮށްފައިވާއިރު މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ ހުޅުމާލެ ދެވަން ފިޔވަހީގައި ސްކޫލެއް ހަދަން ބަޔަކާ ހަވާލުކޮށްފައެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ހަނދާނުގެ މައްޗަށް ބިނާކޮށް "ޞަލާޙުއްދީން ސްކޫލު"ގެ ނަމުގައި ހަދާ މިސްކޫލް ހަދަން ޙަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިހާރުވެސް ސަރުކާރުގެ 3 ސްކޫލެއްގައި އަންނަނީ ދަރިވަރުންނަށް ކިޔަވައިދެމުންނެވެ. އެއީ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލާއި ހުރަވީ ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 4 ސްކޫލް ކަމަށެވެ. މީގެތެރެއިން 3 ސްކޫލަކީ ކޮންޓްރެކްޓަރ ފައިނޭންސް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދާ ސްކޫލްތަކެވެ. އަނެއް ސްކޫލަކީ ބޭރު ފަރާތަކުން ތަރައްޤީކުރާ އިންޓަރނޭޝަނަލް ސްކޫލެކެވެ. މި ހުރިހާ ސްކޫލްތަކަކީވެސް 6 ބުރީގެ ޢިމާރާތްތަކެކެވެ. މިއިން ކޮންމެ ސްކޫލެއްގައި ގްރޭޑް 1އިން 10އަށް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ 1،000އާއި 1،200 އާ ދެމެދުގެ ޖާގައިގެ ސްކޫލްތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.