ޚަބަރު

ކޮލޮންބިޔާގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ބަޑީގެ ޙަމަލާއެއް ދީފި


ކޮލޮންބިޔާގެ ރައީސް އިވާން ދޫކޭ ދަތުރުކުރެއްވި ހެލިކޮޕްޓަރަކަށް ބަޑީގެ ޙަމަލާއެއް ދީފިއެވެ.

އެ ޙަމަލާއަށްފަހު ޢާންމުކުރެއްވި ވީޑިޔޯ މެސެޖެއްގައި ދޫކޭ ވިދާޅުވީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ޙަމަލާ ދީފައިވަނީ ކޮލޮންބިޔާގެ ކުކުތަ ސިޓީއަށް ވަޑައިގެންނެވުމަށް އެ ޤައުމުގެ ކަތަތުންބޯ ސަރަޙައްދުން ދަތުރުކުރައްވަނިކޮށްކަމަށެވެ. އެ ޙަމަލާއަކީ ވަރަށް ފިނޑި ޢަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ބަޑީގެ ވަޒަންތައް އަރާފައިވާ ތަންތަން ހެލިކޮޕްޓަރުން ފެންނަން ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހެލިކޮޕްޓަރަށް ޙަމަލާ އަމާޒުވި ވަޤުތު އޭގައި ދޫކޭގެ އިތުރުން ސަރުކާރުގެ އެހެން އިސް ބޭފުޅުންވެސް ތިއްބެވިއެވެ. އޭގެ ތެރޭގައި ދިފާޢީ ވަޒީރު ދިއޭގޯ މޮލަނޯއާއި ދާޚިލީ ވަޒީރު ދާނިޔަލް ޕަލާސިޔުސްއާއި ނޮރުތެ ދެ ސަންތަންދަރުގެ ގަވަރުނަރު ސިލްވާނޯ ސެރާނޯ ހިމެނިވަޑައިގަންނަވައެވެ. އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ދޫކޭ ވިދާޅުވީ ޙަމަލާގެ ފަހަތުގައިވާ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކަށް އަންގަވާފައިވާކަމަށެވެ.

ކޮލޮންބިޔާގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ދިން ބަޑީގެ ޙަމަލާގެ ސަބަބުން ލިބިފައިވާ ބައެއް ގެއްލުން / ވީޑިޔޯ: ރޮއިޓަރސް

ކޮލޮންބިޔާއާއި ވެނެޒުއޭލާ ގުޅޭ ސަރަޙައްދީ ރޮނގު އޮންނަ ކަތަތުންބޯ ސަރަޙައްދަކީ ހަމަނުޖެހުންތައް ގިނަ ސަރަޙައްދެކެވެ. ބާރުގަދަ މަސްތުވާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ކޮކާ ދަނޑުތައް އެ ސަރަޙައްދުގައި ވަރަށް ގިނައެވެ. ވައަތު ފިޔައިގެ ނޭޝަނަލް ލިބަރޭޝަން އާމީ، އީއެލްއެންގެ ހަނގުރާމަވެރިންނާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން އޮންނަ ހަތިޔާރުއެޅި ހަނގުރާމަވެރިން އެ ސަރަޙައްދުގައި ޙަރަކާތްތެރިވެއެވެ.