ޚަބަރު

އަންހެނުންނަށް ކުރާ އަނިޔާއަށް ސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސް


އަންހެނުންނަށް ކުރާ އަނިޔާއަކީ
އަންހެނުން ބާރުވެރިކުރުވުމަށް އެޅޭ ހުރަހެއް ކަމަށާއި، އެހެންކަމުން
އަންހެނުންނަށް ކުރާ އަނިޔާއަށް ސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސްކަމަށް ފޮރިން
މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.



އަންހެނުންނަށް ކުރާ އަނިޔާއާދެކޮޅަށް
ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅުވައިގެން ފޮރިން މިނިސްޓަރ
ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިސަރުކާރުން އަންހެނުން
ބާރުވެރިކުރުވުމަށް މުހިންމު މަސައްކަތް ތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ރައީސް
ޔާމީންގެ ސަރުކާރުން އިސްނަގައިގެން ހުށައަޅައި ފާސްކޮށްފައިވާ ޤާނޫނުތައް
ގިނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް
މަސައްކަތް ކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއް ކަމަށާއި، އެހެންކަމުން
ރާއްޖޭގައި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް މިހާތަނަށް މުހިންމު
މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



އަންހެނުންގެ ޙައްޤުތަކަށް
މަސައްކަތްކުރުމަކީ، އިޚްތިޔާރީކަމެއްގެ ގޮތުގައި ނުދެކި އަންހެނުންގެ ޙިއްޞާއަކީ އަސާސީ
ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވެސް
ވަނީ ގޮވާލައްވާފައެވެ.



އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް
ފާހަގަކުރާދުވަހާ ގުޅިގެން އެކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ، 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ މޭ
މަހުގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށާއި ފެމިލީ ޕްރޮޓެކްޝަން
އެޖެންސީއަށް، ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އަންހެނުންނަށް
ލިބިފައިވާ އަނިޔާގެ ގޮތުގައި 178 މައްސަލަ ރިޕޯޓް ކުރެވިފައިވާކަމަށެވެ. އަދި މިއަނިޔާތަކުގެ
ސަބަބުން އަނިޔާ ލިބޭ ފަރާތްތައް އެހެން މީހުންނަށް ކުރާ އިތުބާރު ގެއްލި، އަނިޔާއާ
ދެކޮޅަށް ތެދުވުމުގެ ހިތްވަރު ގެއްލިގެންދާކަމަށް އެކޮމިޝަންގެ ބަޔާނުގައިވެއެވެ. 

މިއަދަކީ
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާދުވަހެވެ.