ވިޔަފާރި

އަމާޒަކީ ކަނޑުމަގުން މުދާ އުފުލުމުގެ ހުރިހާ ދާއިރާއަކުން ކުންފުނި ފުޅާކުރުން: އެމްއެސްއެސް


އަމާޒަކީ ކަނޑުމަގުން މުދާ އުފުލުމުގެ ހުރިހާ ދާއިރާއަކުން ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް، ކުރިއެރުވުންކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ ކުންފުނި އުފެދިގެން މިވީ އަހަރެއްހާ ދުވަހުގެތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ އޮޕަރޭޝަންތައް ފެށިއިރާ މިހާރާއި އަޅާ ބަލާއިރު މުދާ އުފުލާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

" އެންމެ ފުރަތަމަ ދަތުރުގައި ގެނައީ 50 ހަކަށް ޓީއީޔޫ، މިހާރު މަހަކު ތިން ފަހަރު ދަތުރު އެބަ ކުރޭ، ރާއްޖެއަށް، ކޮންމެ ދަތުރެއްގައި 300އަށް ވުރެ ޓީއީޔޫ އެބަ އާދޭ، މިފަދަ ދަނޑިވަޅެއްގައި މިވަރުގެ ގްރޯތެއް ލިބުމަކީ ބޮޑު ކާމިޔާބީއެއް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިހާރު ކުންފުނިން ދެމުން އަންނަ ޙިދުމަތްތައް އިތުރުކޮށް، ތަފާތު އެކި ބާވަތްތަކުގެ މުދާ އުފުލޭ ފެންވަރަށް ކުންފުނީގެ މަސައްކަތްތައް، ފުޅާކޮށް ކުރިއެރުވުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުންފުނި މިސްރާބް ޖަހަމުންދަނީވެސް އެ ފެންވަރަށް ތަރައްޤީކުރުމަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ބޭނުންވަނީ ޝިޕިންގެ ވީހާވެސް ގިނަ ދާއިރާއެއްގައި މަސައްކަތްކުރުން، ހަމައެކަނި ކޮންޓެއިނަރ އޮޕަރޭޝެއް ހިންގާކަށް ނޫން ކުންފުނި އުފެދުނީކީއެއް، މިހާރު މި ދަނީ ބަލްކް ކެރިއާސް އޮޕަރޭޓްކުރުމާއި، ޖެނެރަލް ކާގޯ އުފުލުން އަދި ސެޕަސިލްޓް އުޅަނދު ދުއްވާ ހިސާބަށްވެސް ވިސްނުން އެބަހުރި، އެގޮތުން ތެޔޮ އުފުލަށް ޓެންކަރުވެސް ބޭނުންކުރުމުގެ ތަސައްވަރު އެބަހުރި،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްއެސްއެސްގެ ޙިދުމަތްތައް ފުޅާވެގެންދާއިރު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި މިދާއިރާތަކަށް ގިނަ ދިވެހިން ވަނުމަށް އެދޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްއިން ދަނީ ވިޔަފާރިވެރިންނާއި ގުޅިގެން ރާއްޖެއަށް ތަފާތު އެކި ބާވަތްތަކުގެ މުދާތަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫއަށް އަސްތަކެއްވެސް ވަނީ އެމްއެސްއެސްގެ ކޮންޓައިނަރ ބޯޓުގައި އުފުލާފައެވެ.

މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ޙިދުމަތްދޭން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.