ވިޔަފާރި

ވިޔަފާރިތަކުން ޓެކްސް ދެއްކުމަށް ބޮޑެތި ލުއިތަކެއް


ޓެކްސް ދެއްކުމުގައި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދީފިއެވެ. އެގޮތުން މީރާއިން ވަނީ ނުދެއްކިވާ ޓެކްސް އިންސްޓޯލްމަންޓް އުސޫލުން ދެއްކުމާއި، ޓެކުހާގުޅޭ ޖޫރިމަނާތައް ލުއިކޮށްދީފައެވެ.

ކޯވިޑާއި ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، މީގެކުރިން ވަނީ އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އޭރު ހަމަޖައްސާފައިވަނީ 3 މަސްދުވަހުގެ މުއްދަތަކަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމެވެ. ނަމަވެސް މިހާރު މީރާއިން ވަނީ މި މުއްދަތުވެސް އިތުރުކޮށްދީފައެވެ.

މީރާއިން ބުނީ 2 މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން މިހާރު ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި މި ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ އެމް.އެސް.އެމް.އީ ފަންތިއާއި، އެފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލުއައިސްފައިވާ މިންވަރަށް ރިޢާޔަތްކޮށް ކަމަށް މީރާއިން ބުނެއެވެ.

އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމްވެސް މީރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ %50 ނަގަމުން ދިޔަނަމަވެސް މިއިންސައްތަ މިހާރު ވަނީ %5 އާއި %10 އާ ދެމެދަށް ކުޑަ ކޮށްފައެވެ.

މީރާއިން ބުނީ މިހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމާއި އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރިޝެޑިއުލްކޮށް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށެވެ.

ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކައިވާ ޓެކުހުގެ ޖޫރިމަނާވެސް މާފުކޮށްދިނުމަށްވެސް މީރާއިން ވަނީ ނިންމާފައެވެ. އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ލުއިތަކަކީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ލުއިތަކެއްކަމަށް މީރާއިން ބުނެއެވެ. އަދި މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނޭ އުސޫލަކުންކަމަށްވެސް ވަނީ ބުނެފައެވެ.