މުނިފޫހިފިލުވުން

ޝާހުގެ "ޕަތަން" އަންނަ އަހަރުގެ ބޮޑު އީދަށް


ފިލްމީ ކެރިއަރުގައި 29 އަހަރު ހޭދަކުރުމަށްފަހު އެކަން ފާހަގަކުރަމުންދާ ސުޕަރ ސްޓާރ ޝާހުރުކްޚާން އެންމެ އަވަހަށް ފެނިގެންދާ ފިލްމު ސިދާތް އާނަންދުގެ "ޕަތަން" އަންނަ އަހަރުގެ ބޮޑު ޢީދަށް ރިލީޒްކުރަން ތާވަލު ކޮށްފިއެވެ.

މި ފިލްމު ފުރަތަމަ ރިލީޒްކުރަން އޮތީ މިއަހަރު ޖެނުއަރީގައެވެ. އެހެންނަމަވެސް ކޯވިޑާއި ހެދި އެހެން ގިނަ ފިލްމުތަކެކޭވެސް އެއްގޮތަށް މި ފިލްމުގެ މަސައްކަތްވެސް މިހާތަނަށް އޮތީ ހުއްޓިފައެވެ.

ސްޕައި ޑްރާމާ "ޕަތަން" ގެ ޝޫޓިން މިމަހުގެ 25 ވަނަދުވަހު މިވަނީ ފަށާފައެވެ. ޝޫޓިންތައް ގާތްގަޑަކަށް 18 ދުވަހަށް ދެމިގެންދާނެކަމަށްވެއެވެ. މުމްބާއީގެ މަންޒަރުތައް ނެގުމަށްފަހު ބައެއް މަންޒަރުތައް ޔޫރަޕްގައިވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮޑަކްޝަން ޓީމުން ބުނީ މިހާރު ހަމަޖެހިފައިވާ ގޮތަށް މަސައްކަތް ދާނަމަ އަންނަ އޮގަސްޓް ނިމެންވާއިރަށް ފިލްމުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށެވެ.

ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނު 2018ވަނަ އަހަރު ދެއްކި އާނަންނަދު ލެހެރާއީގެ ފިލްމު "ޒީރޯ" އަށް ފަހު ޝާހު ވަނީ ފިލްމީ މަސައްކަތްތަކުން ދިގު ބްރޭކެއް ނަގާފައެވެ. 29 އަހަރުގެ ކެރިއަރުގައި މިހާ ދިގު ބްރޭކެއް ޝާހު ނެގި މީ ފުރަތަމަ ފަހަރެވެ.

ޝާހުގެ އިތުރުން ދީޕިކާ ޕަޑްކޯން އަދި ޑިމްޕަލް ކަޕާޑިއާވެސް ފިލްމު "ޕަތަން"ގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.