ކުޅިވަރު

ވޭލްސް ލަދުގަންނަވާލުމަށްފަހު ޑެންމާކުން ޔޫރޯގެ ކުއަޓަރއަށް


ވޭލްސް ލަދުގަންނަވާލުމަށްފަހު ޑެންމާކުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޑެންމާކު ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައި މި ވަނީ 17 އަހަރަށް ފަހުއެވެ.

ޑެންމާކުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް ޑެންމާކުން ވޭލްސްގެ މައްޗަށް ކުރީ ހޯދީ 4 ލަނޑު 0 ލަނޑުންނެއެވެ. ނެދަލެންޑްސްގެ އަމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މިމެޗްގެ ކުރީ ކޮޅުގައި މޮޅަށް ކުޅެފައިވަނީ ވޭލްސްއިންނެވެ. އެގޮތުން މެޗްގެ ކުރީކޮޅުގައި އެޓީމްގެ ކެޕްޓަން ގެރެތް ބޭލްއަށް ލިބުނު ދެ ފުރުސަތުގެވެސް ބޭނުން އެޓީމްއަކަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފްގެ 15 ވަރަކަށް މިނެޓް ފަހުން ޑެންމާކުން ވަނީ މެޗްގެ ތެރެއަށްވަދެ، މޮޅަށް ކުޅެން ފަށާފައެވެ. އެގޮތުން ޑެންމާކުން އުދެއްދި ފުރަތަމަ ހަމަލާއިން އެޓީމު ވަނީ ލަނޑެއް ޖަހައި މެޗްގައި ލީޑް ނަގާފައެވެ. މިލަނޑު މެޗްގެ 27ވަނަ މިނެޓްގައި ޑެންމާކަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޯލްބާގެވެ.

ޑެންމާކުގެ ފުރަތަމަ ގޯލާއެކު ބޯޅަ ހިފަހައްޓައިގެން އެޓީމުން މޮޅަށް ކުޅެން ފެށިއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑެންމާކަށް ލީޑް ފުޅާކުރުމަށްވެސް ދެ ތިން ފުރުސަތެއް ލިބިގެންދިޔައެއެވެ. ނަމަވެސް މީގެއިން އެއްވެސް ހަމަލާއެއް އެޓީމަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ހާފް ފެށިގެން 3ވަނަ މިނެޓްގައި ޑެންމާކުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޯލްބާގެވެ. ޑެންމާކުން ދެ ގޯލް ޖެހުމާއެކު ވޭލްސްއިން ކުޅުން ރަގަނޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން ވޭލްސްގެ ޑެނިއަލް ޖޭމްސް އާއި ބޭލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ވޭލްސްއިން ޑެންމާކުގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ނަމަވެސް، އެޓީމަށް ޑެންމާކުގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ވޭލްސްއިން ހަމަލާ އުފައްދަމުން ދިޔަނަމަވެސް، މެޗްގެ 88ވަނަ މިނެޓްގައި އެޓީމްގެ މޭލާ ވަނީ ގޯލެއް ޖަހައި ޑެންމާކަށް 3ވަނަ ގޯލް ޖަހައިދީފައެވެ. މެޗްގައި ލަނޑެއް ޖެހުމަށް ވޭލްސްއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހީނަރުކަމެއް ގެނުވީ މެޗުގެ 89ވަނަ މިނެޓްގައި އެޓީމްގެ ހެރީ ވިލްސަން އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

މެޗްގެ ވަގުތު ހަމަވުމާއެކު ރެފްރީ ވަނީ އިތުރު ވަގުތުގެ ގޮތުގައި 5 މިނެޓް ދީފައެވެ. ވޭލްސްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިއުމުގެ ފައިދާނަގައި ޑެންމާކުން ވަނީ އިތުރު ލަނޑެއްޖަހައި މެޗްގެ ނަތިޖާ 4-0 އަށް ބަދަލްކޮށްލާފައެވެ. މެޗްގެ އިތުރުވަގުތުގެ ފަހު މިނެޓުގައި މިލަނޑު ޑެންމާކަށް ކާމިޔާބުކޮށްދިނީ ބްރައިތުވެއިޓެވެ. ޑެންމާކުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރަތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗުން މޮޅުވެގެންނެވެ. މިއީ މިމުބާރާތުގެ ތާރީޚުގައިވެސް ދެ މެޗުން ބަލިވެގެން ޓީމެއް ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޔޫރޯގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޑެންމާކު މި ފަހަރުގެ ކުއާޓާ ފައިނަލުގައި ކުޅޭނީ ޗެކް ރިޕަބްލިކާއި ނެދަލެންޑްސް ކުޅެގެން މޮޅުވާ ޓީމަކާއެވެ. ނެދަލެންޑްސްގެ އަމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މިރޭގެ މެޗު ފެށުމުގެ ކުރިން ވަނީ ވޭލްސްގެ ކުޅުންތެރިން ސޮއިކޮށްފައިވާ އެ ގައުމުގެ ޖޯޒީއެއް ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ނަން ޖަހައިގެން ފްރޭމްކުރުމަށް ފަހު ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭއާ ހަދިޔާކޮށްފައެވެ. 2016ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރިއިރު ވޭލްސް ޓީމް ކަޓާފައިވަނީ ސެމީ ފައިނަލާއި ހިސާބުންނެވެ.