ހިޔާ ފްލެޓްތަކުގެ ކުލި ގުނަން ފަށާނީ އެ ފްލެޓްތަކަށް ކަރަންޓު ލައިދެވޭ ހިސާބުންކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ފްލެޓްތަކުގެ ކުލި ގުނަން ފަށާނީ ކަރަންޓު ލައިދެވޭ ހިސާބުންކަމަށް އެޗްޑީސީން ވިދާޅުވެފައި މިވަނީ، ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ފްލެޓުތައް ބަލާލުމުގެ ފުރުސަތު މިއަދު ހުޅުވާލުމަށްފަހުއެވެ.
އެޗްޑީސީން ވިދާޅުވީ ފްލެޓުތައް ދައްކާލަން ނިންމީ ގިނަބަޔަކު އެކަމަށް އެދެމުން ދިއުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފްލެޓު ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 4 ދަންފަޅިއަކަށް ބަހާލައިގެން ފްލެޓުތައް ދައްކާލުމުގެ މަސައްކަތްކުރަމުން އަންނަނީ އެޗްޑީސީގެ މުވައްޒަފުންނެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވީ އެކި ސަބަބު ތަކާއި ހެދި ފްލެޓުތައް ޙަވާލުކުރުން ލަސްވުމާއި ގުޅިގެން ފްލެޓުތަކުގެ ފިނިޝިންގައި ހުރި މަސައްކަތް އަމިއްލައަށް ނިންމުމަށްޓަކާ ބަލަން ބޭނުންވާނެ ކަންކަން ބަލާ އަންދާޒާތައް ހެދުމަށް ދެވުނު ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ދުވަހަކު މިބަލަނީ 2 ޓަވަރު ދައްކާލެވޭތޯ. އެގޮތުން ކޮންމެ ދުވަހެއްވެސް 4 ދަންފަޅިއަކަށް ބަހާލައިގެން މިދައްކަނީ. އެއީ އެކަންކުރަން ތިބި މުވައްޒަފުންނަށްވެސް ބެލުމަށްފަހު ހަމަޖެއްސިގޮތެއް. އަޅުގަނޑުމެންގެ އިލްތިމާސެއް ފްލެޓު ބަލަން އަންނައިރު ބޭނުންވާ މަޢުލޫމާތު ހޯދޭނެ އިންތިޒާމާއެކު ވަޑައިގަތުމަކީ. ދެވަނަ ފަހަރަށް ފުރުސަތު ދިނުމަކީ ބޮޑު ދައްޗަކަށްވާނެތީ."
ސުހެއިލް ވިދާޅުވީ ފްލެޓުތަކުގެ ވެރިންނަށް އަންނަ މަހުގެ 14 ވަނަ ދުވަހު ފްލޭޓުތަކުގެ ތަޅުދަނޑި ޙަވާލުކުރާއިރު އެތަނުގައި ކަރަންޓު ލިބެން ހުންނާނެކަމަށް ކޮންޓްރެކްޓަރ ހާމަކުރައްވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ސަބަބެއް މެދުވެރިވެގެން ކަރަންޓު ފޯރުކޮށް ނުދެވޭނަމަ ފްލެޓުތަކުގެ ކުލި ނަގާ މުއްދަތު ގުނަން ފަށާނީ ކަރަންޓު ލައިދެވޭ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ އެންމެ ލަސްވެގެން ޖުލައިމަހުގެ ނިޔަލަށް ކަރަންޓުގެ މައްސަލަ ޙައްލުވާނެކަމަށެވެ.
ފްލެޓުތަކުގެ ފިނިޝިންގއަށް 3 މަސް ދިނުމަށް ނިންމާފައިވާއިރު ސުހެއިލް ވިދާޅުވީ ތަކެތި ލިބިފައިވާނަމަ 3 މަސް ހަމަވުމުގެ ކުރިންވެސް ފިނިޝިންގައި ކުރަން ހުރި މަސައްކަތްތައްކޮށް ނިންމާލެވޭނެކަމަށެވެ. އެހެންނަމަވެސް ތަކެތި ލިބުމުގައި ދަތިތަކެއް ހުރިކަން ޤަބޫލުކުރައްވާކަމަށާއި އެއީ ގިނަބަޔަކަށް ދަތިތަކެއް ކުރިމަތިކުރުވާ ކަމެއްކަމުގައިވާނަމަ އެކަން އިތުރަށް ބަލާ ޙައްލު ހޯދައިދޭނެކަމަށް ސުހައިލް ވިދަޅުވިއެވެ. އެހެން ނޫންނަމަ 550 އަކަފޫޓުގެ ތަނެއްގެ ފިނިޝިންގ ނިންމުމަށް 3 މަސްދުވަސް އެއީ އެންމެ ރަނގަޅު މުއްދަތެއްކަމަށް ސުހެއިލް ވިދާޅުވިއެވެ.
ފްލެޓުތައް ބަލަންދިޔަ މީހުން ބުނަނީ ފްލެޓުތަކުގެ ފިނިޝިންގއަށް ބޭނުންވާ ސާމާނު ރައްޔިތުން އަމިއްލައަށް ހޯދަން ފެށުމުން އެއްފަހަރާ އެތައްބަޔަކު ތަކެތި ހޯދަން އުޅުމުން ދަތިތަކެއް ކުރިމަތިވާނެކަމަށެވެ. އެހެންކަމުން އެކަންކަމުގައި ފްލެޓް ލިބުނު ފަރާތްތަކަށް ލުއި ގޮތްތަކެއް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެއްކަމަށް ބުންޏެވެ.
ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 6720 ފްލެޓު ޙަވާލުކުރުމަށްޓަކާއި މިހާރު ވަނީ އެއްބަސްވުމުގެ ޑްރާފްޓްވެސް ޢާއްމުކޮށްފައެވެ. ފްލެޓުތައް ބެލުމަށްފަހު އެގްރިމެންޓަށް ގެންނަން ފެންނަ ބަދަލުތައް ދެފަރާތުން މަޝްވަރާކޮށްގެން ބަދަލު ގެނައުމުގެ ފުރުސަތު އޮންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ފްލެޓުތައް އަންނަމަހު ޙަވާލުކުރާއިރު ފްލެޓުތަކަށް ބަދަލުވާ މީހުންނަށް ބަހުގެ ޚިދުމަތް ދެވޭނެކަމަށާއި ވެހިކަލް ޕާކުކުރެވޭނެ އިންތިޒާމާއި ކުޑަކުދިންނަށް ޚާއްސަ ޕާކެއް މިސަރަޙާއްދުގައި ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.