ވިޔަފާރި

މުއްދަތު ހަމަވެފައިވާ ކަނޑުއުޅަނދުގެ ލައިސަންސް ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްފި


މުއްދަތު ހަމަވެފައިވާ ކަނޑުއުޅަނދުގެ ލައިސަންސް ބޭނުންކުރެވޭ މުއްދަތު މޯލްޑިވްސް ޓްރާންސްޕޯޓް އޮޓޯރިޓީން އިތުރުކޮށްދީފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮޓޯރިޓީން ބުނީ ކޮވިޑު-19 ފެތުރުން ކޮންޓްރޯލްކޮށް ފުރަބަންދުގެ ޚާއްސަ ފިޔަވަޅުތައް އަޅާފައިވާތީ މުއްދަތު ހަމަވެފައިވާ ކަނޑުއުޅަނދުގެ ސެޓްފިކެޓް ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ. އެގޮތުން މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓާއި ލައިސަންސްގެ މުއްދަތު ޖުލައިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާކަމަށް ޓްރާންސްޕޯޓް އޮޓޯރިޓީން ބުނެއެވެ.

މުއްދަތު އިތުރުކޮށްދީފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރު އޮފީސްތައް ހުޅުވައިގެން ޚިދުމަތް ދިނުން ހުއްޓާލާފައިވުމުގެ ސަބަބުން ސެޓްފިކެޓް އައު ކުރުމަކީ މި ދަނޑިވަޅުގައި އުނދަގޫކަމަކަށްވާތީކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް، އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު ދަތުރަށް ފެށުމަށް ޓްރާންސްޕޯޓް އޮޓޯރިޓީން ވަނީ އުޅަނދުފަހަރު އޮޕަރޭޓްކުރާ މީހުންނާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އަލަށް އުޅަނދެއް ރަޖިސްޓްރީކޮށް 25 މެއިގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 24 ޖުލައިގެ ކުރިން ހެދުމަށްވެސް ޓްރާންސްޕޯޓް އޮޓޯރިޓީން ވަނީ އެދިފައެވެ. މީގެކުރިންވެސް ސަރުކާރުން ވަނީ ކޯވިޑްގެ ހާލަތުގައި އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ލައިސަންސް ކާޑު ބޭނުންކުރެވޭ މުއްދަތުވެސް އިތުރުކޮށްދީފައެވެ.