ޚަބަރު

ހިތަދޫ ފިޔަވައި އައްޑޫގެ ހުރިހާ ރަށެއްގައި ކާފިއު އުވާލައި، ބޮޑެތި ލުއިތަކެއް ދީފި


އައްޑޫ ސިޓީގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ 2 މަހެއްހާ ދުވަސް ފަހުން ލުއިތަކެއް ދީފިއެވެ.

އައްޑޫ ސިޓީގައި ކޯވިޑް-19ގެ ކޭސްތައް ފެނުމާއި އެކު އެ ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ މޭއިމަހުގެ 1 ވަނަ ދުވަހުއެވެ.

އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިމިވަނީ އައްޑޫގައި ކޯވިޑަށް ޕޮޒިޓިވް ވާ މިންވަރު ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެނެވެ. މިވަގުތު އެ ސިޓީގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 132 މީހުން ތިބިއިރު، އޭގެ ތެރެއިން 128 މީހުން ތިބީ ހިތަދޫގައެވެ. އަދި އަނެއް 4 މީހުން ތިބީ މަރަދޫގައެވެ. އިތުރު ރަށެއްގައި އެކްޓިވް ކޭސްއެއް ނެތްއިރު، ހިތަދޫ ފިޔަވައި ހުރިހާ ރަށެއްގައި ކާފިއު ވަނީ އުވާލާފައެވެ. މީގެ އިތުރުން ވަކިން އޮންނަ ހުޅުމީދޫގެ މޮނީޓަރިން ހާލަތު އުވާލައި އާންމު ހާލަތައް މިހަފްތާގެ ކުރީ ކޮޅު ވަނީ ގެނެސްފައެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު ވިދާޅުވީ، ލުއިތައް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރިތަކަށާއި އާންމުންނަށް ދިމާވާތީ ދަތިތައް ކުޑަކުރުންކަމަށެވެ.

އައްޑޫ އީއޯސީން މައުލޫމާތުދޭ ގޮތުގައި، މިވަގުތު ގިނަ ފިޔަވަޅުތަކެއް އަޅާފައިވަނީ ހިތަދޫގައެވެ. ނަމަވެސް ހިތަދޫގައިވެސް އޮތް ލޮކްޑައުންގެ ހާލަތު ވަނީ އުވާލާފައެވެ. އެހެން ކަމުން ހައުސް ހޯލްޑް ޕާމިޓް ނެތި ޒަރޫރީ ބޭނުމަށް ބޭރުގައި އުޅެވޭނެއެވެ. ނަމަވެސް ހިތަދޫގައި އަދިވެސް ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހިތަދޫގައި ހަވީރު 4:00 ޖަހަންދެން ފިހާރަ ހުޅުވައިގެން ޙިދުމަތް ދެވޭނެއެވެ. އަދި އޭގެ ފަހުން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ޙިދުމަތް ދެވޭނެއެވެ. ނަމަވެސް ކާބޯތަކެތީގެ ޙިދުމަތް ދޭ ތަންތަނުން އަދިވެސް ދެވޭނީ ޑެލިވަރީ ޙިދުމަތެވެ.

ހިތަދޫގައި އެސްއެސްޑީން ހުއްދަ ދީފައިވާ ފަރާތްތަކަށް ކޮންސްޓްރަކްޝަން މަސައްކަތް ހެނދުނު 7:00 ހަވީރު 6:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށް އައްޑޫ އީއޯސީން ވިދާޅުވެއެވެ. ހިތަދޫ ފިޔަވައި ގުޅިފައިވާ އެހެން ރައްތަކުގައި ކާފިއު އުވާލި ނަމަވެސް ޑެލިވަރީ ޙިދުމަތް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. އެގޮތުން މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގައި ފިހާރަތައް ހުޅުވައިގެން ޙިދުމަތް ދެވޭނީ ހެނދުނު 6:00 އިން ރޭގަނޑު 6:00 އަށެވެ. އަދި އޭގެ ފަހުން 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ޙިދުމަތް ދެވޭނެއެވެ. މިރަށް ރަށުގައި ކާބޯތަކެތީގެ ޙިދުމަތް ދޭ ތަންތަނުން އަދިވެސް ދޭނީ ޑެލިވަރީގެ ޙިދުމަތެވެ. މީގެ އިތުރުން މިރަށްތަކުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޖިމްތަކާއި ސެލޫންތަކަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިސްކިތްތަކުގައި ޖަމާޢަތް ނަހަދާ ނަމާދު ކުރުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފައެވެ.