މުނިފޫހިފިލުވުން

ފަސް އަހަރަށްފަހު ޖަޔާ އަނެއްކާވެސް ސްކްރީނަށް


ޖަޔާ އެންމެ ފަހުން ފެނިގެންދިޔައީ ކަރީނާ ކަޕޫރު ޚާނާއި އަރުޖުން ކަޕޫރުގެ "ކީ އެންޑް ކާ" އިންނެވެ.
2016 ވަނަ އަހަރު ނުކުތް މި ފިލްމުގައި ޖަޔާ ފެނުނީ ޚާއްޞަ ފެނިލުމަކުންނެވެ. އޭގެ ފަސްއަހަރު ފަހުން އަނެއްކާވެސް ޖަޔާ ސްކްރީނުން ފެންނަ މިވަނީ ތައްޔާރުވެފައެވެ.

މި ފަހަރު ޖަޔާ ފެންނާނީ އެންޑެމޯލް ޝައިން އިންޑިއާ ގްރޫޕްގެ ޑިޖިޓަލް ސީރީޒް "ސަދް ބަހާރު" އިންނެވެ. މި ފިލްމުގެ ޝޫޓިންތައް މިދިޔަ ފެބްރުއަރީ މަހު ފެށިނަމަވެސް އޭޕްރީލްމަހު އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގައި ފުރަބަންދު އިޢުލާނުކުރުމުން މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އެހެންނަމަވެސް އަލުން ފިލްމުގެ މަސައްކަތްތައް ފެށުމަށް ޕްރޮޑަކްޝަން ތީމުން ދަނީ ތައްޔާރުވަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޯވިޑްގެ ސަބަބުން މި ސީރީޒްގެ ޝޫޓިންތައް ކުރިއަށްގެންދާނީ ބަޔޯ ބަބްލުގައި 50 މީހުންގެ ޓީމަކާއެކުއެވެ.

1973 ވަނަ އަހަރު އަމީތާބާއި ކައިވެނިކުރި ފަހުން ފިލްމީ ދާއިރާއިން ޖަޔާ ފެނިގެންދިޔައީ ވަރަށް މަދުންނެވެ. ޖަޔާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ކަބީ ހުޝީ ކަބީ ޤަމް" ، "ކަލް ހޯ ނަ ހޯ" ފަދަ ފިލްމުތައް ހިމެނެއެވެ. ޖަޔާ އެންމެ ފަހުން ބޮޑު ރޯލަކުން ފެނުނީ 2012 ވަނަ އަހަރު ނުކުތް "ސަންގްލާސް" އިންނެވެ.