ސީފެއަރަރސް ނުވަތަ ކަނޑު ދަތުރުކުރާ ކަލާސީންގެ އަޑުއަހާ އެމީހުންކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހައްޤުވާ މިންވަރު ހޯދާދިނުމަށް މިޚިދުމަތުގެ ބޭނުންކުރާ އެންމެހާ ފަރާތްތަކަށް އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފިއެވެ. އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ކިޓަކް ލިމް މިކަމަށް ގޮވާލައްވާފައިވަނީ ސީފެއަރަރސް ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖްގައި، ކަނޑުދަތުރުފަތުރުގެ ބޭނުން ހިފާ ފަރާތްތަކުގެ ހިތްހަމަޖެހުމާއި އުފަލަށްޓަކައި ކަލާސީނުން އެކުރާ ބުރަމަސައްކަތާއި ވަމުންދާ ގުރުބާނީ ބަލައިގަނެ އެމީހުންގެ އަގުވަޒަންކުރުމަށް މިވަސީލަތުގެ ބޭނުން ހިފާ އެންމެހާ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުވައި ދިނުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ފަޅުވެރިން މިމަޖްބޫރީ ހާލަތުގައި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް އަމިއްލަ ވަޒަނަށް ނުދެވިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް މިވަޒީފާއާ އަލަށް ގުޅެން ބޭނުން އެތައް ފަޅުވެރިންނެއް އުފުރުސަތުން މަޙްރޫމްވެ އާމްދަނީ ނުލިބި ވަޒަނުގައި ތިބެން މަޖްބޫރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދަތި އުނދަގޫތައް ތަހައްމަލް ކުރަމުންވެސް ވަރުބަލިކަމެއް ނެތި އެންމެހާ ކަލާސިނުން ކުރަމުންދާ މަސައްކަތް އައި އެމްއޯއިން ފާހަގަކުރާ ކަމަށާއި، މިކަމުގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އައިއެމްއޯއާއި އައިއެމްއޯގެ ބައިވެރިން ދެމުން އަންނަކަންވެސް ސެކްރެޓަރީ ޖެނެރަލްގެ މެސެޖްގައި ފާހަގަކުރެއްވިއެވެ. ކަލާސީންގެ އެންމެހާ ހައްޤުތައް ހިމާޔަތްކޮށް އެމީހުންނަކީ މިސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ދެކެ އެކަން ފާހަގަކުރާ ކަމަށާއި، އެގޮތުން ޚާއްސަ އިނާޔަތެއްގެ ދަށުން ވެކްސިންޖަހާދިނުމާއި ކޮންމެހެން ދާންޖެހޭ ތަންތަނަށް ގެންގޮސްދެމުން އަންނަކަން ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ކަނޑުދަތުރުކުރާ ކަލާސީނުންގެ ދުވަހުގެ ކެމްޕޭން ބިނާވެގެންވަނީ ކޯވިޑްގެ މިވަބާއާ ގުޅިގެން ކަލާސީނުން ތަހައްމަލްކުރަންޖެހޭ ދަތިތައް ލުއިކުރުމަށް ކަމަށާއި މިކަމުގެ ބޭނުމަކީ ކަނޑުދަތުރުކުރާ މީހުންނާ މެދު ދުނިޔެ ދެކޭގޮތް ބަދަލުކޮށް އެހެން މީހުންނެކޭ އެއްފަދައިން ކަންކަމަށް މަގު ފަހިވެފައި އޮތުން ކަމަށް ކިޓަކް ލިމް ވިދާޅުވިއެވެ. އަދި ކަނޑުދަތުރުކުރާ ކަލާސީނުން ހަމަހަމަކަމާއި، އިންސާފްވެރި އޯގާތެރި އަޅާލުންތެރި މުސްތަޤްބަލަކަށް ކުރަމުންދާ ވަކާލާތުގެ އަޑު އިވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސީފެއަރަރސް ޑޭ ބައިނަލް އަޤްވާމީ ފެންވަރެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ސީމަނުންގެ ޤުރުބާނީއާއި ޚިދުމަތުގެ އަގުވަޒަން ކުރުމާއި، ސީމަނުންގެ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަށް ވަކާލާތުކުރުމާއި، އެމީހުންގެ ޞިއްޙީ އަދި މަސައްކަތު މާޙައުލުގެ ރައްކާތެރިކަން، ކަށަވަރުކުރުން ފަދަ ކަންކަމުގައި ބައިނަލް އަޤްވާމީ އަދި ޤައުމީ ފެންވަރުގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތަންފީޒީ ބާރު ވަރުގަދަކުރުމެވެ.