ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ 4000 ފްލެޓް ދިނުމުގައި ސަރުކާރުން އެއްވެސް މީހަކަށް ލިބިފައިވާ ޕޮއިންޓެއް ބަދަލުކޮށްފައި ނުވާނެކަމަށެވެ. ފްލެޓް ދީފައިވަނީ މިދިިޔަ ސަރުކާރުން ފްލެޓް ދިނުމަށް ނިންމި މީހުންނަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
4000 ފްލެޓްގެ މަސައްކަތްތައް ނިމުމާގާތްވެފައިވާކަމަށާއި އެގޮތުން ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ފްލެޓްގެ ކުއްޔާ ގުޅޭގޮތުންނާއި ބޯހިޔާވަހިކަމުގެ އެކި މައްސަލަތަކުގެ ކަންބޮޑުވުންތައް ގަލޮޅުގެ ރައްޔިތުންވެސް ވަނީ ފާލުކޮށްފައެވެ. ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 25000 ރުފިޔާއާއި ދައްކަންޖެހޭ މަހު ކުއްޔަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކައި އެންމެ ރަނގަޅު ހައްލެއް ގެނެސްދޭނަން. ހުޅުމާލެ ތިނެއް ހިއްކާ ނިމެނޭ. ލޭންޑް ޔޫސް ޕްލޭންގެ ވެސް މަސައްކަތް ދަނީ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ކަނޑައަޅާފައި އޮތީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. އަދި ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަަލައަށް ހައްލެއް ހޯދައްވައިދިނުމަކީ އެންމެ އިސްކަންދޭކަންކަމުގައި ރައީސް ތަކުރާރުކުރެއްވިއެވެ. ރައީސް ވިދާޅުވީ މީގެ ކުރީ އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މައިމުޅަވެފައި ތިބި މީހުންނަށް ޚާއްސަކޮށްފައި ނުވާކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ވަޢުދުވިފަދައިން މި ސަރުކާރުން ފުރަތަމަވެސް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މައިމުޅަވެފައި ތިބި މީހުންނަށް ޚައްސަ ކެޓަގަރިއެއް ހިމެނޭކަން އެމަނިކުފާނު ވިދާޅުވިއެވެ.