ކުޅިވަރު

ޕެރަގުއާއި ކޮޕާ އެމެރިކާ މުބާރާތުގައި ތާވަލްގެ ދެވަނައަށް


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޕެރަގުއާއި އާއި ޗިލީ ބައްދަލުކުރިމެޗް ޕެރަގުއާއި ކާމިޔާބުކޮށްފިއެވެ. މިމެޗް ޕެރަގުއާއި ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޗިލިއިން ބޯޅަ ގެންގުޅެފައިވީ ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޕެރަގުއާއި އިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޕެރަގުއާއި އިން ކާމިޔާބުކޮށްފައިވަނީ މެޗްގެ 33 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރައިއަން ސަމޫޑޯއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިގުއަލް އަލްމިރޯންއެވެ. މިމެޗްގައި މީގެއިތުރުންވެސް ދެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިކާމިޔާބީއާއެކު ޕެރަގުއާއި މިހާރުވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޗިލީވަނީ ހަތަރު މެޗުން ލިބިފައިވާ 5 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ވެއްޓިފައެވެ. އަދި ގްރޫޕްގައި ހިމެނޭ އަނެއް ހަތަރު ޓީމަށް އަދި އެއްމެޗް ބާކީ އޮތުމުން ހޯމަ ދުވަހުގެ ރޭގެ މެޗްތަކަށްފަހު ޗިލީ ގްރޫޕްގެ ހަތަރުވަނައަށް ވެއްޓުމަކީވެސް އެކަށީގެންވާ ކަމެކެވެ.