ވިޔަފާރި

ކޮންޓެރިނަރުގައި މުދާ އެތެރެކުރަން އެމްއެސްއެސްއިން އަމިއްލަ ބޯޓެއް ގެންނަނީ


ރާއްޖެއަށް ކޮންޓެރިނަރުގައި މުދާ އެތެރެކުރުމަށް އަމިއްލަ ބޯޓެއް ބޭނުންކުރުމަށް ނިންމާ އެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ސްޓޭޓް ޝިިޕިން، (އެމްއެސްއެސް) އިން ބުނެފިއެވެ. ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށް އެމްއެސްއެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ އެކުންފުނިން މިހާރު ރާޢްޖެއަށް މުދާ އެތެރެކުރުމަށް އަދި ބޭނުންކުރަމުން އަންނަނީ ޗާޓަރ ބޯޓެއް ކަމަށެވެ. އެހެންނަމަވެސް މުދަލުގެ އަގު ހެޔޮކޮށް ފަސޭހަކަމާއި އެކު މުދާ އެތެރެކުރެވޭނެ މަގު ފަހިކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުންފުނީގެ އަމިއްލަ ބޯޓެއް ބޭނުންކުރުމަށް ނިންމާ އެކަން ކުރަމުން އަންނަކަމަށެވެ. އަދި މި އަހަރުގެތެރޭގައި މި ބޯޓް ރާއްޖެ ގެނެސް އައު ބޯޓްގެ ހިދުމަތް ދެވެން ފެށޭނެކަމަށް ސަޢީދު ވިދާޅުވިއެވެ.

" ކޮމްޕެނީން ނިންމާފައިވަނީ ޗާޓަރު ބޯޓު ދޫކޮށްލުމަށްފަހު އަމިއްލަ ބޯޓެއް ބޭނުންކުރުމަށް، އުއްމީދަކީ އެންމެ ލަސްވެގެން އަންނަ އޮގަސްޓް މަހުގެތެރޭގައި އައު ބޯޓު ގެ ޙިދުމަތް ފެށޭވަރުވުން،" ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި މުދާ އުފުލާ ކޮންޓެއިނަރ ބޯޓުގެ އިތުރުން ޖެނެރަލް ކާގޯ އުފުލުމަށްވެސް ބޯޓްތައް އަންނަނީ ބޭނުންކުރަމުންނެވެ. ސައީދު ވިދާޅުވީ މި ބޯޓްތައް ބޭނުންކުރަމުން އަންނަނީ ބަސްތާތަކުގައި ހުންނަ މުދާ އުފުލުމަށްކަމަށާއި މި ބޯޓްތައް މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ޓޮޓްކޮރިންއިން ސިދާ އައްޑޫ ސިޓީއަށް މުދާ ގެންދިޔުމަށްކަމަށްވެސް ސައީދު ވިދާޅުވިއެވެ. މި ގޮތަށް ދަތުރުކުރުމުން އައްޑު ސިޓީއަށް ގެންދެވޭ މުދަލުގެ އަގު 50 އިންސައްތަ ކުޑަވެގެންދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މި ދަތުރުތަކާއި އެކު އައްޑޫގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން އަންނަކަމަށެވެ.

" ސީދާ މާލެއަށް އެތެރެ ނުކޮށް، އައްޑޫއަށް އެތެރެ ކުރެވި، ސަރުކާރުން ދެއްވާފައިވާ، އިމްޕޯޓް ކޮންސެޝަން، 50 ޕަސަންޓް ހެޔޮވޭ އައްޑޫއަށް ސީދާ މުދާ ބޭލީމަ، އެހުރިހާ ބޭނުންތަކެއްވެސް ކުރެވެނީ އެމްއެސްއެސްއިން އެ ދޭތެރޭގައި ބޯޓެއް ދުއްވާތީ،" ސައީދު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކުރާ ކާގޯ ބޯޓުގެ ދަތުރުތަކުގެވެސް ރާއްޖޭގެ އެޖެންޓަކީ އެމްއެސްއެސްއެވެ. ސައީދު ވިދާޅުވީ އެމްއެސްއެސްއާއި ގުޅިގެން ރާއްޖެއަށް މުދާ އުފުލުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލާފައިވާކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޙިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.