ވިޔަފާރި

އެމިރޭޓްސްގެ ފްލައިޓުތަކުގައި ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފި


މިއަހަރުގެ މިހާތަނަށް އެމިރޭޓްސްގެ ފްލައިޓުތަކުގައި ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރޭ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓު" ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫންމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް އެމިރޭޓްސްގެ ފްލައިޓްތަކުގައި ރާއްޖެއަށް 101،310 މީހުންވަނީ ދަތުރުކޮށްފައެވެ. މިއީ ފްލައިޓު މޫވްމަންޓަށް ބަލާނަމަ 1،218 ދަތުރުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

މިއާއެކު އެމިރޭޓްސް ވެފައިމިވަނީ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އުފުލާފައިވާ އެއަރލައިނެށެވެ. އެމިރޭޓްސްއިން ދަނީ ހަފްތާއަކު 28 ދަތުރު ރާއްޖެއަށް ކުރުމުންނެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ. މި ދަތުރުތަކާއެކު ޔޫރަޕްގެ ގިނަ ޤައުމުތަކާއި ރާއްޖެއާ ދަނީ ގުޅާލަމުންނެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ދަތުރުކޮށްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓުތަކުގައެވެ. އެއެއަރލައިންގެ ފްލައިޓުތަކުގައި 76،980 މީހުން ވަނީ ދަތުރުކޮށްފައެވެ. ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

3ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ދަތުރުކޮށްފައިވަނީ ރަޝިޔާގެ އޭރޯފްލޯޓުގެ ފްލައިޓުތަކުގައެވެ. ރަޝިއާއާ ރާއްޖެއާއި ދެމެދު ދަތުރުތައް ބާއްވާ އޭރޯފްލޯޓުގެ ފްލައިޓުތަކުގައި ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 72،517 މީހުންވަނީ އައިސްފައެވެ.

ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންދަނީ 30 އެއަރލައިންއަކުންނެވެ. މީގެތެރޭގައި ރާއްޖެއަށް ޗާޓަރު ދަތުރުތަށް ބާއްވާ 9 އެއަރލައިންވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް މިއަހަރުގެ ޖޫންމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށްވަނީ 496،633 ފަތުރުވެރިން ޒިޔާރަތްކޮށްފައެެވެ.