ޚަބަރު

މެއި ހައެއް ކޮމިޓީން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފި


މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުން އެކުލަވާލާފައިވާ "މެއި 6" ކޮމިޓީން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ މިއަދު ބައްދަލުކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 176 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން "މެއި 6" ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ތަހުގީގާ ގުޅުން ހުރި މުއައްސަސާތަކަށް ސިޓީ ހުށަހެޅުމުން ބައްދަލުކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީންކަމަށެވެ.

އެގޮތުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމުގައި ޕާލިމެންޓްރީ އިންކުއަރީގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ ތަފްސީލް އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހިއްސާ ކޮށްފައިވާ ކަމަށް އަފީފު ވިދާޅުވިއެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން 49 ފަރާތަކާ ބައްދަލުކޮށްފައިވާ ކަމަށާއި އަމާޒަކީ މިމަހުގެ 30ހުގެ ނިޔަލަށް 241 ކޮމިޓީގެ ރިޕޯޓް ނިންމާ ނެރުން ކަމަށް އަސްލަމް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ފުރިހަމަ ތަފްސީލް ރައްޔިތުންނާ ހަމަޔަށް ގެނެސްދޭނެ ކަމަށް 241 ކޮމިޓީން ވިދާޅުވެފައިވާ ކަމަށާއި، އެކޮމިޓީގެ މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެކުލަވާލާފައިވާ "މެއި 6" ކޮމިޓީން އަންނަ އާދިއްތަ ދުވަހު އެމްއެންޑީއެފް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ބައްދަލުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި އެ ދެ މުއައްސަސާއިން ހިއްސާކުރާ މަޢުލޫމާތުތައް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ އާންމު މެންބަރުންނާ ހިއްސާކުރާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 176 ވަނަ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގަށް ގިނަ ދުވަސްތަކެއް ވާތީ ކަންބޮޑުވުން ފާޅުކޮށް ތަހުގީގާ ގުޅޭގޮތުން އިތުރު ތަފްސީލުތަކެއް ހާމަކުރުމަށް ދިވެހި ފުލުހުންނާ ސުވާލު ކޮށްދެއްވުމަށް "މެއި 6" ކޮމިޓީގައި އެދިފައެވެ.

"މެއި 6" ކޮމިޓީން ރައީސް ނަޝީދަށް ގުޅުއްވާ ހާލު ބެއްލެވިކަމާށާއި އެމަނިކުފާނުގެ ހާލުކޮޅު ކުރިއަށް ވުރެ ރަނގަޅު ކަމަށް ކޮމިޓީންވަނީ ހާމަކޮށްފައެވެ. އަދި އެމަނިކުިފާނަށް ލިބިވަޑައިގެންނެވި އަނިޔާތައް ގިނަ ނަމަވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ މާތްﷲގެ ރަޙުމަތްފުޅާއެކު ލިބުނު އެންމެހައި އަނިޔާތަކުން އަރައިގަނެ ހެޔޮހާލުގައި ރާއްޖެ ވަޑައިގަތުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށްވެސް "މެއި 6" ކޮމިޓީން ހާމަކުރިއެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ.

މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. އަދި އެމަނިކުފާނު މިހާރުގެންދަވަނީ ޖަރުމަންވިލާތުގެ ހޮސްޕިޓަލަކުންވެސް އިތުރު ފަރުވާ ހޯއްދަވަމުންނެވެ.