ސިޔާސީ

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް ކޯޓަށް ފޮނުވައިފި


ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނުނުކަމަށް ބުނާ މައްސަލަގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕޮރޮސެކިއުޓަރ ޖެނަރެލްގެ އޮފީހުން މިއަދު ކުރިމިނަލްކޯޓަށް  ފޮނުވައިފިއެވެ.މި މައްސަލާގައި ދައުލަތުން އަދީބާއި ދެކޮޅަށް އުފުލަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ.ކުރީގެ ޓެރަރިޒަމް ގާނޫނުގެ ބައެއް މާއްދާތަކާއި ހަވާލާދީ އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް  އަދީބްގެ މައްޗަށް އަންނާނެއެވެ.އަދީބް ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނުނުކަމަށް ބުނާ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާއިރު ފުލުހުންގެ އޮފިސަރުންތަކަކަށް ރިޝްވަތު ދިންކަމަށް ބުނާ މައްސަލައެއްގައިވެސް ދައުވާކޮށްދިނުމަށް އެދި  ފުލުހުން ޕީޖީގެ އޮފީހަށް ހުށައަޅާފައިވެއެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައެއްގައިވެސް އަދީބްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހޯމަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ހުށައަޅާފައިވެއެވެ.ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި  ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަދުވަހުއެވެ. އަދީބްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްފައިވާއިރު އޭނާއާއި އާއި ގާތްގުޅުންތަކެއް އޮންނަ ބައެއް ފަރާތައްވެސް މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެއެވެ.