ޚަބަރު

މިޔަންމާގެ ބާޣީ ސަރުކާރާ އަސްކަރީ ގުޅުންބަދަހިކުރަން ރަޝިޔާއިން ބޭނުންވޭ


ބަޣާވަތުގެ ވެރިކަމެއް ކުރަމުންދާ މިޔަންމާގެ އަސްކަރިއްޔާއާއެކު ގުޅުންބަދަހިކުރުމަށް ބޭނުންވާކަމަށް ރަޝިޔާއިން ބުނެފިއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ. އެ ގޮތުން މަރުވި 781 މީހުންގެ ތެރޭގައި 52 ކުޑަކުދިންވެސް ހިމެނެއެވެ. އެ މުޒާހަރާތަކުން 4،000އަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ.

ފާއިތުވި އަހަރުތަކުގައި މިޔަންމާއާއި ރަޝިޔާއާ ދެމެދު އޮންނަ ދިފާޢީ ގުޅުންވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ރަޝިޔާއިންވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ތަފާތު ތަމުރީނުތަކާއި ކިޔެވުމުގެ ފުރުޞަތުތައް ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ރަޝިޔާއިންވަނީ ގިނަ ޢަދަދެއްގެ ހަތިޔާރު މިޔަންމާއަށް ވިއްކާފައެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބާއްވައި ސަލާމަތީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިޔަންމާގެ އަސްކަރިއްޔާގެ އިސްވެރިޔާ މިން އައުން ލައިންގުވަނީ ރަޝިޔާއަށް ވަޑައިގަންނަވައިފައެވެ. އެ ދަތުރުފުޅުގައި މިންވަނީ ރަޝިޔާގެ ދިފާޢީ ވަޒީރު ސަރުގައި ޝޮއިގޫއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޝޮއިގޫ ވިދާޅުވީ މިޔަންމާއާއެކު އޮންނަ އަސްކަރީ އަދި ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް ރަޝިޔާއިން ބޭނުންވާކަމަށެވެ. މިޔަންމާއާއެކު ބާއްވަމުންދާ ގުޅުންތަކާ ގުޅިގެން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުގެ ފާޑުކިޔުން ރަޝިޔާއަށްވަނީ އަމާޒުވެފައެވެ. ރަޝިޔާގެ ޢަމަލުތަކުގެ ސަބަބުން ބަޣާވާތުގެ ސަރުކާރަކަށް ޤާނޫނީ ޙައިސިއްޔަތު ލިބެމުންދާކަމަށް އެ ޖަމުޢިއްޔާތަކުން ބުނެއެވެ.

މޮސްކޯގައި ބޭއްވި ސަލާމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިން ވިދާޅުވީ ސަރުކާރާ ދެކޮޅަށް އަސްކަރިއްޔާއިން ބަޣާވާތްކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވި އިންތިޚާބު މަކަރާއި ހީލަތުން ސޫ ކީގެ ޕާޓީން ކާމިޔާބުކުރުމުންކަމަށެވެ. ނަމަވެސް އެ ތުޙްމަތުތަކުގައި ޙަޤީޤަތެއް ނެތްކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރެއެވެ.