ކުޅިވަރު

ބްރެޒިލުން ޖެހިޖެހިގެން 10ވަނަ މެޗުން މޮޅުވެއްޖެ


އިތުރު ވަގުތުގައި ކަސެމީރޯ ޖެހި ގޯލުން ކޮލަމްބިއާ ބަލިކޮށް ބްރެޒިލުން ޖެހިޖެހިގެން 10 ވަނަ މެޗުން މޮޅުވެއްޖެއެވެ.
ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް މިމެޗް ކާމިޔާބުކޮށްފައި ވަނީ 2 ލަނޑު 1 ލަނޑުންނެވެ. ބްރެޒިލްއިން ޖެހިޖެހިގެން 10ވަނަ މޮޅު ހޯދާފައިވާއިރު، ބްރެޒިލްއިން އެންމެ ފަހުން މެޗްއަކުން ބަލިވެފައިވަނީ 2019ވަނަ އަހަރުގެ ނޮވެންބަރު މަހުގައި އާޖެންޓީނާ އަތުންނެވެ. ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައިވެސް މިހާތަނަށް ބްރެޒިލް މެޗަކުން ބަލިވެފައެއް ނުވެއެވެ. މެޗްގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗްގައި އެންމެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ކޮލަމްބިއާއިންނެވެ. މިލަނޑު ކޮލަމްބިއާ އަށް ކާމިޔާބުކޮށްދިނީ މެޗްގެ 10ވަނަ މިނެޓްގެ ތެރޭގައި ލުއިސް ޑިއާޒްއެވެ. ކޮލަމްބިއާއިން ލަނޑު ޖެހުމާއެކު ބްރެޒިލްއިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އެގޮތުން ބެރެޒިލް ތަރި ނޭމާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފްގައި ކޮލަމްބިއާއިން ކުރީގައި އޮވެގެން ނިންމާލިނަމަވެސް، މެޗްގެ ދެވަނަ ހާފްގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ބްރެޒިލްއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. އެގޮތުން މެޗްގެ 78ވަނަ މިނެޓްގައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ. މެޗްގައި ބްރެޒިލް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެޓީމްއަށް މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ. ކޮޕަ އެމެރިކާ ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ބްރެޒިލްއެވެ. އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އެއްވަނާގައި އޮތީ 9 ޕޮއިންޓާ އެކުއެވެ. ތާވަލްގެ 2ވަނައިގައި އޮތް ކޮލަމްބިއާ އަދި 3 ވަނައިގައި އޮތް ޕެރޫ އަށް 4 ޕޮއިންޓް ލިބިފައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބްރެޒިލް ނިކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. މި މެޗަށް ނުކުތްއިރު ވެސް ބްރެޒިލްއަށްވަނީ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ. އަދި ކޮލަމްބިއާއަށް ވެސް ވަނީ ކުއަޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ.