ޚަބަރު

ނަބީލް މެރުމަށް ދަށުކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި


ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލުމުގެ ކުށުގައި ގ ރީފް މުހައްމަދު ނަބީލް މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް އެ ހުކުމް ހައިކޯޓުން މިއަދު ދަމަހައްޓަވައިފިއެވެ.މީގެ ފަސްވަރަކަށް އަހަރުކުރިން ދަށުކޯޓުން ނިންމާފައިވާ މައްސަލައިގެ ހުކުމަށް ހައިކޯޓުން ތާއީދްކޮށްފައިމިވަނީ އެ މައްސަލަ ނަބީލްގެ ފަރާތުން އިސްތިއުނާފްކުރުމުންނެވެ.ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ފަރުހާދް މަރުވެފައިވަނީ އޭނާގެ ބުރަކައްޓަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުންކަން އެގެން އޮންނައިރު ގަސްދު މަރުގައި ފުރިހަމަވާންޖެހޭ ހުރިހާ ރުކުނެއް މި މައްސަލާގައި ފުރިހަމަވާކަމަށެވެ. އަދި ފަރުހާދްގެ  ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު ހިފުންކަމަށްވާއިރު ނަބީލަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބުކަމަށްވެސް ހައިކޯޓުން މިއަދު އިއްވި ހުކުމްގައިވެއެވެ.މީގެ އިތުރުން، ފުލުހުން ތަހްގީގް ނިންމާ އެކުލަވާލި ބަޔާނުގައި ސޮއިކުރީ އެ ބަޔާން ނުކިޔާކަމަށް ނަބީލް ބުނި ނަމަވެސް އެ ބަޔާން ގިނައިރުތަކެއް ވަންދެން އޭނާ ކިޔާ މަންޒަރާއި ފަރުހާދަށް ހަމަލާދިންގޮތް ކިޔާ ދޭ މަންޒަރު ވީޑިއޯތަކުން ފެންނަ ހުރިކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ. އަދި  ނަބީލްގެ އަންހެން ކޮއްކޮ ތަހްގީގަށް ދީފައިވާ ބަޔާނާއި ޝަރީއަތުގެ މަޖްލީހުގައި ހެކިބަސް ދިން މީހުން ހެކިބަހާއި އެއްވެސް ފުށުއެރުމެތް ނެތްކަންވެސް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.ނަބީލް ހަމަލާދިނުމުން ފަރުހާދު މަރުވެފައިވާކަން އެނގި ހުރެ އެއްބަޑު އެއްބަފާ ބޭބޭ ކުށްވެރިވާގޮތަށް އެފަދަ ބަޔާނެއް ހަގީގަތާއި ހިލާފަށް އަންހެން ކޮއްކޮ ދީފާނެކަމަށް ގަބޫލް ނުކުރެވޭކަމަވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.2010 ވަނަ އަހަރު ނަބީލް މެރުމަށް އޭރުގެ ޖިނާއީ ކޯޓުން ކުރި ހުކުމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އިއްވި ފުރަތަމަ މަރުގެ ހުކުމެވެ. އަދި ގާނޫނު އަސާސީ މާނަކޮށް ދަށުކޯޓަކުން އިއްވި ފުރަތަމަ ހުކުމްވެސްމެއެވެ.