ކުޅިވަރު

ޕޮލެންޑް ކަޓުވާލުމަށްފަހު ސްވިޑެން ޔޫރޯގެ 2ވަނަ ބުރަށް


ޕޮލެންޑް ކަޓުވާލުމަށްފަހު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑެން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމުބެ ފުރުސަތު ޕޮލެންޑަށް އޮތް ނަމަވެސް ސެވިޑެންއިން ވަނީ ޕޮލެންޑް 3 ލަނޑު 2 ލަނޑުން ބަލިކޮށް، ޕޮލެންޑް މުބާރާތުން ކަޓުވާލާފައެވެ.

ފޯރިގަދަ އަދި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސްވިޑެންއިން ވަނީ މެޗްގެ ފުރަތަމަ ހާފްގައި ގޯލް ޖަހައި ލީޑް ނަގާފައެވެ. މިގޯލް ސްވިޑެންއަށް ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގްއެވެ. ފޯސްބާގް ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗްގެ ދެވަނަ މިނެޓްގައެވެ. މެޗްގެ ދެވަނަ ހާފް ފެށިގެން ސްވިޑެންއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑް ނަގާފައެވެ. މިލަނޑުވެސް މެޗްގެ 59ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގްއެވެ. މެޗްގައި ދެ ލަނޑުގެ ލީޑެއް ސްވިޑެންއިން ނެގުމާއެކު ޕޮލެންޑުން ވަނީ ކުޅުން ރަގަނޅުކޮށް ދެ ގޯލް ޖަހާފައެވެ.

ޕޮލެންޑްގެ ފުރަތަމަ ގޯލް މެޗްގެ 61ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދީނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮބާޓް ލެވަންޑޮސްކީއެވެ. އަދި ޕޮލެންޑަށް ނަތީޖާ ހަމަހަމަކުރި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 84ވަނަ މިނެޓްގައި ލެވަންޑޮސްކީއެވެ. 2 ލަނޑު 2 ލަނޑުން މެޗް އެއްވަރުވާން ދަނިކޮށް ސްވިޑެންއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ވިކްޓަރ ކަލެސަންއެވެ. މިމޮޅާއެކު ސްވިޑެން 2ވަނަ ބުރަށް ދަތުރުކޮށްފައިވާއިރު، ޕޮލެންޑް ވަނީ މުބާރާތުން ކަޓާފައެވެ.