ސިޔާސީ

ޤާނޫނު އަސާސީއަށް ހުށައެޅި އިސްލާހު އަނބުރާ ކޮމިޓީއަށް


ކައުންސިލްތަކުގެ ޢުމުރު ކަނޑައެޅުން، ޤާނޫނު އަސާސީން އުނިކުރެއްވުމަށްފަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ޤާނޫނުން ކައުންސިލްތަކުގެ ޢުމުރު ކަނޑައެޅުމަށް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާޙު މަޖިލީހުން ނުވެ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ވޯޓުންނެވެ. ނަމަވެސް އެޢަދަދަށް ވޯޓު ލިބިފައެއް ނުވެއެވެ.ޤާނޫނު އަސާސީއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢާމިރު ހުށައެޅުއްވި މި ޢިޞްލާޙުގައި ވަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބު ކުރަންޖެހޭ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާނެ ގޮތް ޤާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެކަމަށެވެ. އަދި އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ ޢުމުރު ޤާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.އާމިރު ވިދާޅުވީ، މި އިޞްލާޙު ހުށައެޅުއްވީ، ޢިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމުގެ ބޭނުމުގައިކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ގިނަ ޢިޞްލާޙުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެފަދަ އިޞްލާޙުތައް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށްވެސް އާމިރު ވިދާޅުވިއެވެ.މި އިޞްލާހު ޤާނޫނު އަސާސީއަށް ހުށައެޅުއްވި ސަބަބެއްކަމުގައި ބަޔާންކުރައްވާފައި ވަނީ، ލާމަރުކަޒީ ޢުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމާ ގުޅޭ ތަފްޞީލްތައް ޤާނޫނު އަސާސީއަށްވުރެ ފުޅާ ގޮތެއްގައި ލިޔެވި ބަޔާން ކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީކަމަށެވެ. އަދި އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނާއިބު ރައީސަކީ އެކައުންސިލްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރެވޭ ބައެއްގެ ގޮތުގައި އޮތުމަށް ވުރެ ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވައިލެވޭނެ އެންމެ ފުރިހަމަ ނިޒާމެއް ގެނައުމުގެ ބޭނުމުގައިކަމަށެވެ.