ވިޔަފާރި

"ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނު" ޚާއްސަކުރަނީ ގެއްލުން ލިބުނު ވިޔަފާރިތަކަށް - ފައްޔާޒު


"ކޯވިޑް-19 ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނު" ދޫކުރުމުގައި އިސްކަންދޭނީ ފުރަބަންދުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ރަށްތަކަށާއި ވިޔަފާރިތަކަށް ކަމުގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ "ކޯވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް" ގެ ދަށުން ވިޔަފާރިތަކަށް ޚާއްޞަކޮށް ދެ ލޯން ސްކީމެއް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.

ލޯން ސްކީމް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒު އިސްމާޢީލް ވިދާޅުވީ މި ލޯން ސްކީމްއަކީ ރިލީފް ލޯނަކަށްވުރެ ބޮޑަށް އެސް.ޑީ.އެފް.ސީގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން، ކޮންސަލްޓަންޓުންގެ އެހީތެރިކަމާ އެއްކޮށް ކުރިއަށް ގެންދާ ލޯން ސްކީމެއް ކަމަށެވެ. އަދި އެ ލޯން ސްކީމަށް އެދޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަކާއި، އެއަށް ބޭނުންވާނެ ފައިސާއާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ދީގެން ކުރިއަށް ގެންދާ ލޯނު ސްކީމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ލޯނަށް ހުޅުވައިލުމުގައި އެންމެ ފުރަތަމަ ޚާއްޞަ ކަމެއް ދޭނީ ކޯވިޑް ބަލިމަޑުކަމުގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކޮށްފައިހުރި ދާއިރާތަކަށާއި ރަށްރަށަށްކަމަށެވެ. އެގޮތުން ގްރޭޓަރ މާލޭ އޭރިއާއަކީ އެންމެ އިސްކަން ދެވޭނެ އެއް ދާއިރާކަމަށާ، ފުރަބަންދުތައް ގެނެސްގެން އެންމެ ބޮޑަށް އަސަރުކުރި ރަށްތައް މީގެ ތެރޭގައި ހިމެނޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ވިޔަފާރިތައް ބަންދު ކުރުމުގައިވެސް އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކާ ދޭތެރޭ ޚާއްޞަ އަހަމިއްޔަތެއް ދޭނެކަމަށާ، އޭގެ ތެރޭގައި ސެލޫން، ޖިމްފަދަ ތަންތަން ހިމެނޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކެފޭ ރެސްޓޯރެންޓުތައް ކޮންމެވެސް ވަރަކަށް ޑެލިވަރީކުރެވުނު ނަމަވެސް ވަރަށް ބޮޑުބައެއް ކުރިއަށް ނުގެންދެވުނު ވިޔަފާރިތަކެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވިޔަފާރިވެރިޔާއާއި ކޮންސަލްޓެންޓާ ދެފަރާތުން ވާހަކަ ދައްކައި ނިމޭއިރު އެވިޔަފާރިއަކީ ކުރިއަށް ނުގެންދެވޭނެ ވިޔަފާރިއެއްކަމަށް ނިމިއްޖިއްޔާ އެހެން ވިޔަފާރިއަކަށް ކޮންވަރޓް ކުރުމަށްވެސް މަޝްވަރާ ކުރެވިދާނެ. ރައީސުލްޖުމްހޫރިއްޔާ މީގެ ދުވަސްކޮޅެއް ކުރިން އިއުލާނު ކުރައްވާފައިވާ ފަދައިން މިއަދު މި ހުޅުވާލަނީ ޖުލައި ފުރަތަމަ ހަފްތާއިން ފެށިގެން އެސް.އެމް.އީތަކަށް ޚާއްޞަކޮށް ވިޔަފާރިތައް ކޮޅަށްޖަހާ ކުރިއެރުވުމަށްޓަކައި ޚާއްޞަ ޕެކެޖްތަކެއް." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމް ކުރިއަށް ގެންދަނީ އެސް.އެމް.އީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕޮރޭޝަންގެ ފަރާތުންނެވެ. އިކޮނަމިކް މިނިސްޓްރީން ވިދާޅުވީ މިލޯން ސްކީމް މިފަހަރު އަމާޒުކޮށްފައިވަނީ މިހާރުވެސް ހިގަމުން އަންނަ ވިޔަފާރިތަކަށްކަމަށެވެ. މިގޮތުން އެސް.އެމް.އީ ވިޔަފާރިތަކަށް ހުރި ހުރިހާ ފަންޑްސްތަކެއްގެ ބޮޑުބައި ޓާގެޓް ކުރާނީ އެގްޒިސްޓިންގ ވިފާރިތައް ކޮޅަށް ޖަހައި ދިރުވައި ކުރިއަށް ގެންދެވޭނެ ނިޒާމެއްގެ ތެރޭގައި މިލޯނުތައް ބައްޓަން ކޮށްގެން ކުރިއަށް ގެންދިއުމަށްކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން އަލަށް ތައާރަފްކޮށްފައިވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ. ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. އަދި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގައި މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ގިނަވެގެން 1 މިލިޔަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ.