ވިޔަފާރި

މިމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 40000 އަށްވުރެ އިތުރު


މިމަހުގެ މިހާތަނަށް ރާއްޖެއަށް 40000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 40541 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިި ފަތުރުވެރިންގެ އަދަދު ވަނީ 494924 އަށް އަރާފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 40.5 އިންސައްތަ ދަށް އަދަދެެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96882 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މާރޗް މަހު ރާއްޖެ އައީ 109585 ފަތުރުވެރިންނެވެ. އޭޕްރިލް މަހު 91200 ފަތުރުވެރިން އަދި މެމަހު 64613 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކު އެކަމުގެ އަސަރުވަނީ ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދަށް ކޮށްފައެވެ. އެގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް އަންނަނީ ދުވާލަކަށް 1843 ފަތުރުވެރިންނެވެ.

ޖެނުއަރީމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 2971 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 3460 ފަތުރުވެރިންނެވެ. މާރޗުމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3535 ފަތުރުވެރިން އައިސްފައިވާއިރު، އޭޕްރީލްމަހު ރާއްޖެއަށް 3040 ފަތުރުވެރިން އަދި މޭމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 2080 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 24.2 އިންސައްތަ އަކީ ރަޝިއާ ފަތުރުވެރިންނެވެ.

ދެވަނަ އަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 18.1 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖަރުމަންވިލާތުންނެވެ. ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 5.5 އިންސައްތައަކީ ޖަރުމަންވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.