ޚަބަރު

ޔުނެސްކޯއަށް 50 އަހަރުފުރޭ ހާއްސަ އެގްޒިބިޝަނަށް ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް


ބަޔޯސްފިއަރ ރިޒާވްއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހާއްސަ އެގްޒިބިޝަންނަށް ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް ހޮވިއްޖެއެވެ.

ދުނިޔޭގެ 129 ގައުމަކުން 714 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަބައެއްގެ މަޤްބޫލްކަން ލިބިފައިވާ 10 ސަރަހައްދެއް ބަޔޯސްފިއަރ ރިޒާވްއަށް 50 އަހަރު ފުރޭ މި ހަރަކާތަށް ހޮވާފައިވާއިރު މީ މިފަދަ ޝަރަފެއް ބ.އަތޮޅު ބަޔޯސްފިއަރ އަށް ލިބޭ ފުރަތަމަ ފަހަރެވެ. މީއީ މުޅިރާއްޖެވެސް ފަޙްރުވެރިވާން ޖެހޭކަމެއްކަމަށާއި މިކަމުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވިއެވެ.

"އަސްލު މިއީ ހަމަ ވަރަށް ބޮޑު ޝަރަފެއް އަދި ފަޙުރެ، މި ހަރަކާތުގައި ބ.އަތޮޅުގެ އިތުރުން މުޅި ރާއްޖޭގެ ފޮޓޯއާ ވީޑިއޯ ދައްކާލެވޭނެ، އަދި ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދާ ތަންތަނާ ގުޅޭ މައުލޫމާތު ހިމެނޭ ޥީޑިއޯ ޕްރެސެންޓޭޝަނެއްވެސް ދައްކާލެވިގެންދާނެ، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަންވެސް ވަރަށް ބޮޑަށްއިޝްތިހާރު ވެގެންދާނެކަމެއް މިކަމަކީ" ޝާފީ ވިދާޅުވިއެވެ.

ރާއްޖެއިން ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް ފިޔަވައި ދެން މި އެގްޒިބިޝަންއަށް ހޮވާފައިވާ ގައުމުތަކެއް އަދި ސަރަހައްދުތަކެއް އަދި ނޭންގެއެވެ.

ކޯވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ވާޗުއަލްކޮށް ބާއްވާ މި އެގްޒިބިޝަން އެންމެ ފުރަތަމަ އޮންނާނީ ޗައިނާގައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އެގްޒިބިޝަން ޗައިނާއަށްފަހު ދެން އޮންނާނީ ސްޕެއިން އާއި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކާ އޭޝިއާގެ ބައެއް ގައުމުތަކުގައެވެ.

ބ.އަތޮޅުގައި ބަޔޯސްފިއަރ ރިޒާވްގެ ކޯ އޭރިއާގެ ގޮތުގައި 10 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
މީގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންތަކެއް ހެދިގެން ބަލަހައްޓަމުން ގެންދަނީ 3 ސަރަހައްދެކެވެ. އެއީ އެންމަޑި އާއި ފެހުރެހި އަރާ ހަނިފަރު ސަރަހައްދާއި ހޯރަ އާލާވެފައިވާ އޮޅަގިރީގެ އިތުރުން މެންދޫ ހިމެނޭ ސަރަހައްދެވެ.

ބ.އަތޮޅުގެ އިތުރުން ރާއްޖޭގައި ބަޔޯސްފިއަރ ރިޒާވްގެ ގޮތުގައި އިތުރު ދެ ސަރަހައްދެއް އޮވެއެވެ. އެއީ އައްޑޫ ނޭޗަރ ޕާކް އަދި ފުއައްމުލަކު ނޭޗަރ ޕާކްއެވެ. މި ތިންތަނުގެ ތެރެއިން އެންމެ ފުރަތަމަ ބްޔޯސްފިއަރ ރިސާވްއަކަށް ވީ ބ.އަތޮޅެވެ. މިލަގަބު ލިބުނުތާ 10 އަހަރު ފުރެންދާއިރު އެ އަތޮޅު ބަޔޯސްފިއަރ ރިޒާވްއެއްގެ ގޮތުގައި އިތުރަށް ބޭއްވުމަށް ސާރވޭތަކެއްވެސް ވަނީ މިއަހަރު ކޮށްފައެވެ.