ޚަބަރު

ވެކްސިން އުފެއްދުމުގައި ފަޤީރު ޤައުމުތަކަށް އެހީވުމަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރަނީ


ކޯވިޑް-19 ވެކްސިން އުފެއްދުމަށް ފަޤީރު އަދި މެދު ފަންތީގެ ޤައުމުތަކަށް ބޭނުންވާ ތަމުރީނާއި ޙުއްދަ ދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާކަމަށްވާ ޑަބުލިޔުއެޗުއޯއިން ދެކުނު އެފުރިކާގައި ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ނިންމައިފިއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އެފްރިކާ ބައްރުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދާއި މަރުވި މީހުންގެ ޢަދަދުވަނީ ގާތްގަނޑަކަށް 40 އިންސައްތަ އިތުރުވެފައެވެ. އެފްރިކާ ބައްރަށް ވެކްސިން ލިބޭ މިންވަރު އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ނިންމާފައިވާކަން އިޢުލާނުކުރެއްވީ ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމު ގެބުރިޔޭސުސެވެ. ދެކުނު އެފުރިކާގައި ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމުން ފައިޒަރ ވެކްސިންނާއި މޮޑާނާފަދަ ކާމިޔާބު ވެކްސިންތަކުގައި ބޭނުންކުރާ އެމުއާރުއެންއޭ ޓެކުނޮލޮޖީ ބޭނުންކޮށްގެން 9 މަހާއި 12 މަހުގެ މުއްދަތެއްގެ ތެރޭގައި ވެކްސިން އުފެއްދުމަށް އެފްރިކާގެ ކުންފުނިތަކަށް މަގުފަހިވާނެއެވެ. އެ މަރުކަޒުގެ އެންމެ މުހިންމު ބޭނުމުގެ ވެކްސިން އުފެއްދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހުރިހާ ޤައުމަކަށް ފަސޭހައިން ފޯރުކޮށްދިނެމެވެ.

ޑަބުލިޔުއެޗުއޯގެ ނިންމުމާ ގުޅޭގޮތުން ދެކުނު އެފުރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވީ އެ ނިންމުމުގެ ސަބަބުން އެފްރިކާ ބަައްރަކީ ބަލިފެތުރޭ ތަރައްޤީ ނުވައި ސަރަޙައްދެއްގެ ގޮތުގައި އޮތްއޮތުން ބަދަލުވެގެންދާނެކަމަށެވެ. އަދި އެއީ ވެކްސިން އުފެއްދުމުގެ މަސައްކަތަށް ކުރިއެރުން ގެނެސް ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމާ ގާތަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިންމުމުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި ދެކުނު އެފުރިކާއަށް ނޫންކަމަށާއި މުޅި ބައްރަށްވެސް އޭގެ ފައިދާ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ މުއްސަނދި ޤައުމުތަކުގައި އުފައްދާ ވެކްސިންތަކުގެ އެތައް ބިލިޔަން ޑޯޒެއް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ލިބުނު ނަމަވެސް ފަޤީރު އަދި ކުރިއަރަމުން އަންނަ ޤައުމުތަކަށް އެ ފުރުޞަތު މިހާތަނަށް ލިބިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.