ޚަބަރު

މަރާލުމަށްފަހު އެއްލާލާފައިވާ ކުއްޖާގެ ކަރާމާތައް އުނިކަން އަންނަގޮތަށް ފޮޓޯއާއި މަޢުލޫމާތު ދައުރުނުކުރުމަށް އެދިއްޖެ


ރަހީނުކޮށް މަރާލުމަށްފަހު އެއްލާލާފައިވާ ކުއްޖާގެ ކަރާމާތައް އުނިކަން އަންނަގޮތަށް ފޮޓޯއާއި މަޢުލޫމާތު މީސްމީޑިއާއާއި މީޑިއާތަކުގައި ދައުރުނުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެދިއްޖެއެވެ.

މިކަމާގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޑަކުއްޖަކު ރަހުމުކުޑަކޮށް މަރާލައިފައިވާ ޚަބަރާއެކު މީސްމީޑީއާގައި ކުއްޖާއާއި ޢާއިލާ ކުށްވެރިކޮށް މިދަނޑިވަޅުގައި މަޢުލޫމާތު ހާމަކުރުމަކީ އާއިލާއަށް ދިމާވެފައިވާ މިހިތާމަވެރި ދަނޑިވަޅުގައި އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއްކަމަށެވެ. އަދި މިދަނޑިވަޅުގައި ކުއްޖާގެ އާއިލާގެ އިޙުސާސްތަކަށް އިޙްތިރާމުކޮށް މިފަދަ ޚަބަރުތައް އަދި ކުއްޖާގެ ފޮޓޯތަކާއި މަޢުލޫމާތު ދައުރުނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު ނަމްބަރު 19/2019 ގެ 33 ވަނަ މާއްދާގެ ހ ގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެއެވެ. އެހެންކަމުން މި މާއްދާއާއި ޚިލާފުވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ ޤާނޫނުގެ ދަށުން ފިޔަވަޅުއަޅާނެކަމަށްވެސް އެ ސަރވިސްއިން ވިދާޅުވެފައިވެއެވެ.


މިކަމާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމުގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސްވަނީ އިލްތިމާސް ކޮށްފައެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، މަރާލުމަށްފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާގެ ހަށިގަނޑު އައި.ޖީ.އެމް.އެޗަށް ގެންގޮސް، ފުލުހުންގެ ބެލުމުގެ ދަށުން ޓެސްޓުތަކެއްދަނީ ހަދަމުންނެވެ.

މި މައްސަލައިގައި މިހާތަނަށް 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.