ސިޔާސީ

މިނިވަން މުއައްސަސާތަކުގެ މަސައްކަތު ގަޑިއަށް ބަދަލުގެނައުން


ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނެވުނު ބަދަލާއި އެއްގޮތަށް މިނިވަން މުއައްސަސާތަކުގެ ޚިދުމަތްދޭ ވަގުތަށް ބަދަލު ގެނެވިފައިވާ ނަމަ، އެ މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެފިއެވެ.ރައީސް މިކަމަށް އެދިވަޑައިގެންނެވީ، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވާ މަޖިިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ފޮނުއްވަވާފައިވާ ސިޓީފުޅެއްގައެވެ.މި ސިޓީފުޅުގައި މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނެސްފައިވާ ބަދަލާއި އެއްގޮތަށް މިނިވަން މުއައްސަސާތަކުގެ ރަސްމީ ގަޑިއަށް ވެސް ބަދަލު ގެނެސް ސަރުކާރުގެ ރަސްމީ ގަޑިއާއި އެއްގޮތަށް ހިދުމަތް ދެމުންގެންދާ ކަން ފާހަަގަކުރައްވާފައިވެއެވެ.އަދި މިނިވަން މުއައްސަސަތަކަކީ ސިވިލް ސާވިސްގެ ވަޒީފާތަކާއި ޚިިލާފަށް ބޮޑެތި މުސާރައާއި، ޢިނާޔަތްތައް ކަނޑައަޅާފައިވާ މުއައްސަސާތަކަށް ވާތީ އެތަންތަނުގެ މުސާރައާއި އިނާޔަތްތަކަށް ބަދަލެއް ނުގެނެސް މިނިވަން މުއައްސަސާތަކުގެ މަސައްކަތު ގަޑިއަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ރައީސް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.މީގެ އިތުރުން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށައަޅުއްވައި، ކޮމެޓީން ނިންމަވާ ގޮތްތަކެއް ރައސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށްވެސް މި ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ. ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައުމާއި ގުޅިގެން ބައެއް މިނިވަން މުއައްސަސާތަކާއި، ޝަރުއީ ދާއިރާގެ މުއައްސަސާތަކުންވެސް ވަނީ އެތަންތަނުގެ ރަސްމީ ގަޑި ސަރުކާރުގެ ރަސްމީ ގަޑި އާއި އެއްގޮތަށް ކަނޑައަޅާފައެވެ.