ކުޅިވަރު

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުއަޓަރ ފައިނަލަށް


ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ 1-0 އިން ޕެރަގުއޭ ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން އަލެހަންދްރޯ ގޯމޭޒްއެވެ. މި ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާ އަށް ލީޑުނަގައިދޭން ސާޖިއޯ އަގުއޭރޯ ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިން ބެރަށެވެ. މި ލަނޑަށްފަހު އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ބޯޅަ ދިޔައީވެސް ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެރަގުއޭގެ ޖޫނިއާ އަލޮންސޯ އަތުން ބައިކޮޅަށް ވަން ގޯލުން އާޖެންޓީނާ އިން ލީޑުފުޅާކުރިއެވެ. ނަމަވެސް އެ ބޯޅަ ފޮނުވާލަން އަރައި ހުރި މެސީ އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. މެޗުގެ ދެވަނަހާފްގައި ޕެރަގުއޭއީން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އުރުގުއާއީ ޗިލީ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައިވަނީ ޗިލީއިންނެވެ. މެޗްގެ 26ވަނަ މިނެޓްގައި އެޑުއާޑޯ ވާގާސްގެ ގޯލުން ޗިލީއަށް ލީޑް ލިބުނެވެ. ވާގަސްގެ ގޯލަކީ މިމުބާރާތުގައި ޖެހި 14ވަނަ ގޯލެވެ. މެޗްގެ ފުރަތަމަ ހާފްގައި ޗިލީއިން ލީޑްގައި އޮވެގެން ނިންމާލި ނަމަވެސް، އުރުގުއޭއިން ވަނީ މެޗްގެ ދަވަނަ ހާފްގައި ކުޅުން ރަގަނޅުކޮށް ލަނޑެއް ޖަހުމަށް މަސައްކަތްކޮށްފައެވެ. އުރުގުއޭއަށް އެއްވަރުކޮށްދިން ލަނޑަކީ ޗިލީގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އުރުގުއޭއަށް ލިބުނު ކޯނަރެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޗިލީގެ އާޓޫރޯ ވިޑާގެ ފައިގައި ޖެހިފައި ގޮސް ބޯޅަވަނީ ގޯލްގެ ތެރެއަށެވެ.

ގްރޫޕް އޭގެ 1 ވަނައިގައި އާޖެންޓީނާ އޮތީ 3 މެޗުން 7 ޕޮއިންޓާ އެކުއެވެ. 2 ވަނައިގައި އޮތީ 3 މެޗުން 5 ޕޮއިންޓް ހޯދި ޗިލީއެވެ. އާޖެންޓީނާގެ އިތުރުން މިހާތަނަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އަނެއް ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އާއި ޗިލީއެވެ.