ޚަބަރު

ޓިކްޓޮކް އުފެއްދި ބައިޓްޑާންސަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް


ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކް އުފެއްދި ޗައިނާގެ މަލްޓިނޭޝަނަލް އިންޓަރނެޓް ޓެކްނޮލޮޖީ ކުންފުނި ބައިޓްޑާންސްއަށް މިދިޔަ އަހަރު ދެ ގުނަ ފައިދާއެއް ލިބިއްޖެއެވެ.

ކުންފުނީގެ މުވައްޒަފުންނަށް ފެންނަ ގޮތަށް ޢާންމުކޮށްފައިވާ މެމޯއެއްގައިވާގޮތުން ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު ވަނީ 111 އިންސައްތަ އިތުރުވެ 34.3 ބިލިއަން ޑޮލަރު ލިބިފައެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ޓިކްޓޮކް ވަނީ ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.

މި ވަރަށް ފައިދާ ލިބިފައިމިވަނީ ބައިޓްޑާންސް އަދި ޗައިނާގެ އެހެން ޓެކްނޮލޮޖީ ކުންފުނިތަކަށް ދުނިޔޭގެ އެކި ޤައުމުތަކުން ބޮޑު ޕްރެޝަރެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަހަރުގެ ޖުމްލަ ފައިދާއަށް ބަލާއިރު މި ޢަދަދު ވަނީ 19 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 93 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް ހިސާބުތައް ހެދުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން މި މުއްދަތުގައި ކުންފުންޏަށް ވަނީ 45 ބިލިއަން ޑޮލަރުގެ ގެއްލުމެއްވެސް ލިބިފައެވެ.

މީގެއިތުރުން މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ހިސާބުތަކަށް ބަލާއިރު ކުންފުނީގެ އެކި ޕްލެޓްފޯމްތައް ކޮންމެ މަހަކު ބޭނުންކުރާ 1.9 ބިލިއަން މީހުން ތިބި ކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ.

ޓިކްޓޮކްގެ ބޮޑު މަޤުބޫލުކަމާއެކު އެމެރިކާ އަދި ޗައިނާވެސް ހިމެނޭގޮތަށް ބައިޓްޑާންސަށް ފާރަލާ ޤައުމުތައް ގިނައެވެ. މިގޮތުން މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާގެ ބާޒާރުގައި ޗައިނާގެ ކުންފުނިތަކުން މަޑުކުރަން ބޭނުންނަމަ ޔޫޒަރ ޑޭޓާ ރައްކާތެރިކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަންގައި އަމުރެއް ނެރެފައެވެ.

މި ޢަމުރު ނެރުނީ ޗައިނާގެ ދެ އެޕްލިކޭޝަން ކަމަށްވާ ޓިކްޓޮކް އަދި ވީޗެޓް އެމެރިކާގައި ބޭނުންކުރުން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަނާކޮށްފައިވާ އޯޑަރު ކެންސަލް ކުރުމުށްފަހުއެވެ. ޓްރަމްޕްގެ ރިޔާސަތުގައި އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ތުހުމަތުކޮށް ޓިކްޓޮކް އެޕްލިކޭޝަނަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިކުރުވާފައެވެ.

އޭޕްރީލްމަހު ޗައިނާއިންވެސް ވަނީ ބައިޓްޑާންސް ހިމެނޭގޮތަށް 13 އޮންލައިން ޕްލެޓްފޯރމެއްގެ މާލީ ކަންތައްތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. އޮތޯރިޓީތަކުން ބުނާގޮތުގައި މި ފިޔަވަޅު އެޅީ އެންމެ ކުންފުންޏަކުން މުޅި ބާޒާރު އަމިއްލަ ކުރުން ނައްތާލުމުގެ ގޮތުންނެވެ.

ޓެކްނޮލޮޖީ ސިނާޢަތް ކުރިއަރުވަން ބެއިޖިންއިން މަސައްކަތް ނުކުރާތާ މިހާރުވަނީ އަހަރުތަކެއް ވެފައިކަމުގައިވެސް ޚަބަރުތައް ބުނެއެވެ.