ކުޅިވަރު

ގުރޫޕްގެ 1ވަނައިގެ ގޮތުގައި ބެލްޖިއަމް 2ވަނަ ބުރަށް


ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ބެލްޖިއަމުން ޔޫރޫ ފުޓްބޯޅަ މުބާރާތުގެ 2ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ފިންލެންޑާއި ވާދަކުރި މެޗް ބެލްޖިއަމް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ.

ބެލްޖިއަމް މިގުރޫޕްގެ އެއްވަނަ ހޯދާފައިވަނީ އެޓީމް ކުޅުނު 3 މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. މިމެޗަށް ނިކުތްއިރުވެސް ބެލްޖިއަމްއަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެފައެވެ. މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެކަމަށް ބައެއް ފަރާތުން ދޭކޭ ބެލްޖިއަމްއިން ގުރޫޕްގެ ފަހު މެޗްގައި ފިންލެންޑާއި ދެކޮޅަށް ނިކުމެފައިވަނީ ފުރަތަމަ 11އަށް ބަދަލްތަކެއް ގެނެސްގެންނެވެ. މިބަދަލްތަކާއިއެކު ބެލްޖިއަމުން މެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ޖެހޭތޯ ވަރަށް މަސަައްކަތް ކުރިއެވެ. ނަމަވެސް އެޓީމުގެ ކުޅުންތެރިންނަށް ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ. އަދި ފިންލެންޑްގެ ކީޕަރު ލޫލަސް ރަޑޭޗީ ވަނީ ބެލްޖިއަމްގެ ބައެއް ހަމަލާތައް ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗްގެ 65ވަނަ މިނެޓްގައި ބެލްޖިއަމްގެ ފޯވާޑް ރޮމަލޫ ލުކާކޫ ލަނޑެއް ޖެހިނަމަވެސް، އެލަނޑު ޖެހިއިރުގައި ލުކާކޫ އޮސްފައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ފިންލެންޑަށް މާ ނުރައްކާތެރި ހަމަލާއެއް ބެލްޖިއަމްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗްގައި ބެލްޖިއަމް އަށް ލީޑް ނަގައިދިނީ މެޗްގެ 74ވަނަ މިނެޓްގައި ތޯމަސް ވަމައެލަން ކާމިޔާބުކޮށްދިން ގޯލުންނެވެ. މެޗްގެ ދެވަނަ ލަނޑު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ މެޗްގެ 81ވަނަ މިނެޓްގައި އެޓީމްގެ ފޯވާޑް ރޮމަލޫ ލުކާކޫއެވެ.

ބެލްޖިއަމް އަށް ގްރޫޕްގެ 1ވަނަ ލިބެނީ އެޓީމް ކުޅުނު ތިން މެޗުން މޮޅުވެ ލިބުނު 9 ޕޮއިންޓާއެކުއެވެ. މިގްރޫޕްގެ ޑެންމާކް ފިންލެންޑް އަދި ރަޝިޔާއަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ނަމަވެސް ޑެންމާކަށް ގުރޫޕްގެ ދެވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.