ޚަބަރު

ކައުންސިލްތަކުގެ އެސްޖީ ކަމަށް ޝަޢުގުވެރިވާ މީހުންނަށް ވެބިނާއެއް


ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލުމަށް ޝަޢުގުވެރިވާ މީހުންނަށް ޚާއްސަ ވެބިނާއެއް ބާއްވަން ސިވިލް ސަރވިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ނިންމައިފިއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް ޝައުޤުވެރިވާ މީހުންނަށާއި މިވެބިނާގަ ބައިވެރިވާން ބޭނުންވާ އެހެން މީހުންވެސް ރެޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

މި ވެބިނާއަކީ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކާގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވަން ނިންމި ވެބިނާއެކެވެ. އަދި މިމަޤާމަށް ކުރިމަތިލާ މީހުންނަކީ ޤާބިލު، މަސްޢޫލިއްޔަތުތަކަށް ހޭލުންތެރި ބަޔަކަށް ހެދުން މިވެބިނާގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ވެބިނާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައެވެ. މަޤާމާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ވެބިނާގަ ބައިވެރިވާން ބޭނުންވާ މީހުން، ރަޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިމަނާފައިވާ ލިންކް މެދުވެރިކޮށް ވެބިނާއަށް ރަޖިސްޓްރީވެވޭނެއެވެ.

ރަޖިސްޓްރީވާއިރު އެމީހެއްގެ ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް، ފޯނު ނަންބަރު އަދި ޝައުގުވެރިކަން ހުރީ ސިޓީ، އަތޮޅު ނުވަތަ ރަށު ކައުންސިލަށްކަން ހާމަކުރަންޖެހެއެވެ. އަދި ރަޖިސްޓަރވާއިރު، މަޤާމާ ގުޅޭގޮތުން އުފެދޭ ސުވާލެއް އޮތްނަމަ ސުވާލުވެސް ހުށަހެޅިދާނެއެވެ.

ވެބިނާގައި ލީގަން އަދި ހިއުމަން ކެޕިޓަލް މެނޭޖްމަންޓާ ގުޅޭ މަޢުލޫމާތު ޙިއްސާކުރާނެއެވެ. އަދި ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުންވެސް ކުރިއަށްދާނެއެވެ.

ރަށު ކައުންސިލް، އަތޮޅުކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ އާދިއްތަ ދުވަހުއެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތައް ހިމެނޭހެން ޖުމްލަ 200 ކައުންސިލް އިދާރާއަކަށް ސެކްރެޓަރީ ޖެނެރަލުން ނެގުމަށް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގަ ހިމެނެނީ ރާއްޖޭގެ 178 ރަށުގެ ރަށު ކައުންސިލާއި 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލަށް ނަގާ ސެކްރެޓަރީ ޖެނެރަލުންނެވެ.