ޚަބަރު

އައްޑޫއަށް ބޯކޮށް ވާރޭވެހި، މަރަދޫއާއި ފޭދޫގައި ފެންބޮޑުވެއްޖެ


އައްޑޫ ސިޓީއަށް މިއަދު މެންދުރުން ފެށިގެން ކުރި ވިއްސާރައިގަ ބޯކޮށް ވާރޭވެހި، އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫގައި ފެންބޮޑުވެއްޖެއެވެ. އައްޑޫގައި ހުރި ޕީއެސްއެމްގެ ނިއުސްކާސްޓަރ މައުލޫމާތުދިން ގޮތުގައި އައްޑޫ އަށް މިއަދު ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 42 ގެއަކަށް ފެންވަދެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ބައެއް ގޭގެއަށް ފެން ވަނުމުގެ ސަބަބުން، އެގެތަކުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ފެންބޮޑުވެފައިވާ ސަރަޙައްދުގެ ފެން ހިއްކުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއި، އެމް.އާރު.ޑީ.ސީ އަދި ހައުސިންގ މިނިސްޓްރީން ހަރަކާތްތެރިވަމުންދާކަމަށް ޕީއެސްއެމްގެ ނިއުސްކާސްޓަރ މައުލޫމާތުދެއެވެ. އައްޑޫ ސިޓީ
ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ ވިދާޅުވީ މިއަދު ހަވީރު
17:15 ހާއިރުން ފެށިގެން އައްޑޫ ސިޓީއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހެމުންދާ
ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވެފައިވާ
ކަމަށާ މިހާރުވެސް ވާރޭވެހެމުންދާ ކަމުގައި ކޮމާންޑަރު ވިދާޅުވިއެވެ. 

އައްޑޫ ސިޓީއަށް
މިހާރު ވެހެމުންދާ ވާރޭގައި މިހާތަނަށް ފޭދޫން 31 ގެއަކަށް، މަރަދޫ ފޭދޫން 10
ގެއަކަށް އަދި މަރަދޫން އެއް ގެއަކަށް ފެންވަދެ ފެނުގެ އަސަރު ވަރަށް ބޮޑަށް
ކޮށްފައިވާކަމަށް ޖަމްޝީދު ވިދާޅުވިއެވެ. އަދި ފެންބޮޑުވެފައިވާ ގޭގެއަށް
އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ ސިފައިން ނިކުމެ އެހީތެރިކަން
ފޯރުކޮށްދީ ވެލިބަސްތާ ޖެހުމުގައި ޙަރަކާތްތެރިވަމުން ގެންދާ ކަމަށްވެސް
ކޮމާންޑަރު ޖަމްޝީދު ޢަލީ ވިދާޅުވިއެވެ.